Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

މާޓީގެ ޕޯސްޓްމޯޓަމް ހަދާނެ: އެންއައިސީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު (މާޓީ) ގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ނޭޝަަނަލް އިންޓެގްރިޓީ ކޮމިޝަނުން މިރޭ ބުނެފި އެވެ.

މާޓީ މަރުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ މާގިނަ އިރުތަކެއް ނުވަނީހެވެ. އޭނާގެ މަރުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އާއިލާ އިން ތުހުމަތު ކުރާއިރު ފުލުހުން ވަނީ މާޓީގެ އޮޓޮޕްސީ ހެދުމަށް ނިންމާފަ އެވެ. ނަމަވެސް އާއިލާ އިން މިކަމާ ދެކޮޅެވެ.

އެންއައިސީން ނެރުނު ބަޔާނެއްގައި ބުނީ މާޓީ މަރުވި މައްސަލައިގައި ފުލުހުންގެ އެއްވެސް އިހުމާލެއް ވޭތޯ ބެލުމަށް އެންއައިސީއިން އިސްނަގައިގެން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށެވެ. އެ ތަހުގީގު ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންނާ އެކީގައި، ފުލުހުންނާ ގުޅިގެން ހިންގާ ތަހުގީގެއްގެ ގޮތުގައި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ތަހުގީގުގައި ލީޑިން އިންވެސްޓިގޭޓަރުގެ ދައުރު އަދާކުރާނީ އެންއައިސީއިންނެވެ. އަދި ފުލުހުންގެ މައިގަނޑު ދައުރަކަށް ވާނީ ތަހުގީގަށް އެހީތެރިވެ ދިނުމެވެ.

"މި މައްސަލާގައި އިންސާފަށް ވާސިލުވުމަށް މުހިންމު ކަމަކަށް ވާތީ ތަހުގީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން މަރުހޫމް އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަން ދެންނެވީމެވެ." އެ ބަޔާނުގައިވެ އެވެ.

މީޑިއާތަކާ މިއަދު ބައްދަލުކޮށް ވާހަކަދައްކަމުން މާޓީގެ ދަރިފުޅު ބުނީ އޮޓޮޕްސީ ހަދަން ވެސް އުޅެނީ ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ކަމަށާއި ނަމަވެސް އޮޓޮޕްސީއަކުން މާޓީ މަރުވިއިރު ފުލުހުން އަޅާ ނުލާ ބަލަހައްޓައިގެން ތިބިކަމެއް ނޭނގޭނެ ކަމަށެވެ.

"ބައްޕަ މަރުވެގެންދިޔައިރު އެމީހުން ބަލައިގެނޭ ތިބީ. އެކަމެއް ނީންނާނެ އޮޓޮޕްސީއެއްގައެއް. އޮޓޮޕްސީ ކޮންމެ ގޮތަކަށް ގެނަޔަސް އެ އެއްޗެއް ނީންނާނެ." ދަރިފުޅު ބުންޏެވެ.

މާޓީގެ ދަރިފުޅު ބުނީ ފުލުހުން ފުރަތަމަ އެހުމުން ވެސް އޮޓޮޕްސީ ހަދަން ބޭނުން ނުވާކަން އަންގާފައިވާނެ ކަމަށާއި ބޭނުންވަނީ މޫނު ދެކިލުމަށްފަހު ޖަނާޒާގެ ކަންކަން ކުރިއަށްގެންދަން ކަމަށެވެ. އެގޮތުން ފުރަތަމަ ހީކުރީ ވެސް ގަލޮޅު ސަހަރާ އަށް ހަށިގަނޑު ގެނައީ މޫނު ދައްކަން ކަމަށާއި ނަމަވެސް އޭނާ އަށް އަދި ބައްޕަގެ މޫނު ވެސް ފެނިފައި ނުވާއިރު މޫނު ދައްކަން ވެސް ފުލުހުން ނޫޅޭ ކަމަށް ބުނެފައިވެ އެވެ.

މީޑިއާއާ ވާހަކަ ދެއްކި އާއިލާގެ ހުރިހާ މެމްބަރުން ވެސް ވަނީ އޮޓޮޕްސީ ހަދަން ބޭނުން ނުވާ ކަމާއި މާޓީގެ ހަށިގަނޑަށް އިތުރު އަނިޔާތަކެއް ދޭން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އަދި ވަގުތުން ވަގުތަށް އާއިލާއާ މާޓީގެ ހަށިގަނޑު ހަވާލުކުރަން ފުލުހުންނަށް ވަނީ ގޮވާލާފަ އެވެ.