އިޓަލީގެ ވެރިރަށް މިލާނާ ކައިރި އަވަށެއްގެ ސުޕަމާކެޓެއްގެ ތެރޭގައި ވަޅިން ދިން ހަމަލާތަކެއްގައި އާސެނަލް އަށް ކުޅޭ ސްޕެއިންގެ ފުޓްބޯޅަ ތަރި ޕަބްލޯ މާރީ އަށް ވެސް އަނިޔާވެ ފަރުވާން ދޭން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުތުރު އިޓަލީގެ އަވަށެއް ކަމަށްވާ އަސާގޯގެ ސުޕަމާކެޓް ތެރޭގައި އިއްޔެ އިރާކޮޅު ވަޅިން ދިން ހަމަލާތަކެއްގައި މާރީގެ އިތުރުން ތިން މީހަކު ޒަހަމްވި އެވެ. އެގޮތުން ސީރިއަސް ޒަހަމްތަކެއް ލިބުނު ސުޕަމާކެޓްގެ އުމުރުން 30 އަހަރުގެ ކޭޝިއަރު ވަނީ މަރުވެފަ އެވެ.
މާރީގެ އިތުރުން ޒަހަމްވި އެހެން މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މި ހާދިސާއާ ގުޅިގެން 46 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، މީޑިއާތަކުން ބުނެފައިވާ ގޮތުުގައި ސުޕަމާކެޓް ތެރޭގައި "ޓެރަރިސްޓް" ހަމަލާދިން މީހާ އަކީ ނަފުސާނީ މައްލަސަތަކެއް ހުންނަ މީހެކެވެ.

މީޑިއާތަކުން ބުނި ގޮތުގައި އެ މީހާ ވަޅި ހިފައިގެން ސުޕަމާކެޓް ތެރޭގައި ހަޅޭއްލަވަމުން މީހުންނާ ދިމާލަށް ދުވަން ފެށުމުން އެ ވަގުތު ސުޕަމާކެޓް ތެރޭގައި ތިބި އެތައް ބަޔަކު ބިރުން ދުވެ ސަލާމަތްވާން މަސައްކަތްކުރި އެވެ. އަދި އޭނާ އަތުލައިގަނެ ފުލުހުންނާ ހަވާލުކުރީ ވެސް އާންމުންގެ ބަޔަކު ކަމަށް މީޑިއާތަކުން ބުންޏެވެ.

މި ހާދިސާގައި އަނިޔާވި ޕަބްލޯގެ ފުރާނަ އަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ލިބިފައި ނުވާ ކަމަށް 29 އަހަރުގެ ކުޅުންތެރިޔާގެ އޭޖެންޓް އަރްތޫރޯ ކެނަލީސް ބުންޏެވެ. އެ ހަމަލާގެ ޝިކާރައަކަށް މާރީވީ އަންހެނުންނާއި ދަރިފުޅާ އެކީ ބާޒާރުކުރަން އުޅެނިކޮށެވެ. ލޯން އެއްބަސްވުމެއްގެ ދަށުން މާރީ މިހާރު ކުޅެމެން އަންނަނީ އިޓަލީގެ ޓީމެެއް ކަމަށްވާ މޮންޒާއަށެވެ.