މާލެ ސިޓީ ކައުންސިލުން ގަހާއި ގަސް ހައްދަން ބޭނުންކުރާ ތަކެތި ވިއްކަން ފިހާރައެއް ހުޅުވައި އެކަން ކުރަނީ އުސޫލާ ހިލާފަށް ކަމަށް ބުނެ ޖޫރިމަނާކުރި ނަމަވެސް އެ ވިޔަފާރި ހުއްޓާ ނުލާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.
އެތަނުން "މާލެ ފެހި" ގެ ނަމުގައި ނާސަރީއަކާ ވެސް އެކީ ގަސް ވިއްކާ ފިހާރައެއް ހުޅުވީ މި މަހުގެ 8 ގަ އެވެ. އަދި އެކަމާ ގުޅިގެން އިކޮނިމިކް މިނިސްޓްރީން ކައުންސިލް 10،000ރ. އިން ޖޫރިމަނާކުރީ މި މަހުގެ 18 ގަ އެވެ. މިނިސްޓްރީން ބުނެފައި ވަނީ ކައުންސިލް ގަހުގެ ވިޔަފާރި ކުރަނީ ކައުންސިލުން ވިޔަފާރި ހިންގަން އަމަލުކުރަން ޖެހޭ އުސޫލާ އެއްގޮތަށް ނޫން ކަމަށެވެ.
މިކަމާ ގުޅިގެން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިނިސްޓްރީން ކައުންސިލް ޖޫރިމަނާ ކުރުމަކީ ސަރުކާރުން ހިންގި ޒިންމާދާރުކަން ކުޑަ އަދި ސިޔާސީ ކަމެއް ކަމަށެވެ.