Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ހޯނޑެއްދޫން ގިނަ އަދަދެއްގެ ޑްރަގްސް ހޯދައިފި

ގދ. ހޯނޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި، އެ ތަކެތި ހޯދާފައި ވަނީ ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ގުޅިގެން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެގޮތުން މަސްތުވާތަކެތި ފެނުނީ ހޯނޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުއްޓާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ފެށީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެކަމަކު އަތުލައިގަތީ ކިހާ އަދަދެއް އަދި ކޮން ބާވަތެއްގެ މަސްތުވާތަކެތި ކަމެއް ހާމައެއް ނުކުރެ އެވެ.

މި މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، ކޯޓް އަމުރެއްގެ ދަށުން އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ހޯނޑެއްދޫން އަބްދުﷲ ރަަޝީދު (މާޓީ) ހިމެނޭ ގޮތަށް ތިން މީހަކު މިދިޔަ އަންގާރަ ހައްޔަރުކުރި އެވެ. އަދި އެ މީހުން ގޮވައިގެން އެ ރަށުން ފުރައިގެން ގެންދަނިކޮށް މާޓީ ވަނީ ލޯންޗުމަތީގައި މަރުވެފަ އެވެ.