Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ވެހިކަލްތަކެއްގެ ރަޖިސްޓްރީ މައްސަލަ އިސްތިއުނާފަށް

އެއްގަމު ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމި ނިންމުން ސިވިލް ކޯޓުން ހުއްޓުވި މައްސަލަ ހައި ކޯޓުގައި އެ މިނިސްޓްރީން އިސްތިއުނާފްކޮށްފި އެވެ.

ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމައިފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ އޭގެ ތެރެއިން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކުރި ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ. ކޯޓުން އެ އަމުރު ނެރުނީ ރަޖިސްޓްރީ ބާތިލުކުރަން ނިންމި އުޅަނދުތަކުގެ ތެރެއިން ބައެއް އުޅަނދުތަކުގެ ވެރިފަރާތުން އެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިމެންދެނެވެ.

އެ ނިންމުން އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލާގައި އެ އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ ސިވިލް ކޯޓުން އަމުރެއް ނެރުނަސް، ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.