Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް މިއަދު

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ތިން ވަނަ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" މިއަދު ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެއްޖެ އެވެ.

ހިތަދޫގެ އައްޑޫ ސްޓޭޑިއަމްގައި ހަވީރު ފަށަން ހަމަޖެހިފައިވާ މުބާރާތުގައި ހަތް ޓީމް ވާދަކުރާ އިރު، މުބާރާތް ހުޅުވައި ދޭނީ އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ ފޭދޫ ސްޕޯޓްސް އާއި މީދޫ ލޮތާރި އެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވާނެ އެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ ފޭދޫ ސްޕޯޓްސް އާއި ކުލަބް ލޮތާރި އާއި ފޭދޫ ބޭރުމައްޗާއި މަރަދޫ އެފްސީ އާއި މެދުވަލު އެފްސީ އާއި ފާހި އެފްސީގެ އިތުރުން މަރަދޫފޭދޫ އެފްސީ އަފިރިން އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ގްރޫޕް އޭގައި ހިމެނެނީ ތިން ޓީމް އަދި ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ.

ގްރޫޕް އޭގައި ހިމެނެނީ ފޭދޫ ސްޕޯޓްސް އާއި އެފްސީ ބޭރުމަތީގެ އިތުރުން ލޮތާރި އެވެ. ބީ ގްރޫޕްގެ ޓީމްތަކަކީ މަރަދޫ އެފްސީ އާއި މެދުވަލު އެފްސީ އާއި ފާހި އެފްސީގެ އިތުރުން މަރަދޫފޭދޫ އެފްސީ އަފިރިން އެވެ.

"އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 16 އާ ހަމައަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. އަދި ރަނައަޕް ޓީމަށް 25،000ރ. ހުށަހަޅާފައިވެ އެވެ.

ކައުންސިލުން ވަނީ އަންނަ އަހަރު ދެކުނަށް އަމާޒުކޮށްގެން "އައްޑޫ ލީގް" ގެ ނަމުގައި ސަރަހައްދީ ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފަ އެވެ. އަދި އެ މުބާރާތް ވާނީ އަތޮޅެއްގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތަށް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވި އެވެ.