Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ކުޑަގިރީގައި 600 އެއްހާ މީހުންގެ ޖާގަ

ދަތުރު ދާން ހާއްސަ ރަށެއްގެ ގޮތުގައި ތަރައްގީކޮށް އަންނަ މަހުގެ ތެރޭގައި ހުޅުވަން ތައްޔާރީތައްވަމުން އަންނަ ކުޑަގިރި އަކީ އެއްފަހަރާ 600 އެއްހާ މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

މާލޭން ފުރައިގެން ލޯންޗްގައި 10 ވަރަކަށް މިނިޓުން ދެވޭ ރަށުގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް ފަހު ދައުލަތު މީޑިއާ އަށް ފައިސަލް ވިދާޅުވީ ކުޑަގިރި އަކީ ކުރިން މާލެ ސަރަހައްދުގެ މީހުން ދަތުރުދާން ބޭނުން ކުރި ކުޑަބަނޑޮސް ނެތްތަން ފޫބައްދައިދީ، ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ތަނެއް ކަމަށެވެ.

އެގޮތުން ބިން ހިއްކައިގެން ތަރައްގީކޮށްފައިވާ ކުޑަގިރި އަކީ އާންމުކޮށް ހަފުތާ ބަންދުގައި ޗުއްޓީ ހޭދަކޮށްލަން ދާ މީހުންނަށް ވަރަށް ހިތްފަސޭހަ ތަނަކަށް ވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އެއްފަހަރާ ފަސްސަތޭކަ ނުވަތަ ހަ ސަތޭކައެއްހާ މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީ މގާވަނީ ޤާއިމުކޮށްފައި،" އޭނާ ވިދާޅުވި އެވެ. "ކުޅިވަރު ކުޅެ، މޫދަށް އެރުމުގައި ވެސް ދައްޗެއް ދިމައެއް ނުވާނެ. މިއީ މި ޒަމާނުގެ ކުޑަބަނޑޮސް."

ކުޑަގިރި އަންނަ މަހުގެ ތެރޭގައި ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދި ރަސްމީކޮށް ވަކި ތާރީހެއް ހާމައެއްނުކުރެ އެވެ. އެކަމަކު އެތަން އާންމުންނަށް ހުޅުވައިލާނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހުރިހާ މަސައްކަތްތަކެއް ނިންމުމަށް ފަހު އެވެ. ކުޑަގިރި ފެހިކުރަން ވަރަށް ބޮޑު އިސްކަމެއް ދީފައިވެ އެވެ.

މި ރަށުގައި ދަތުރުދާ މީހުންނަށް ބޭނުން ކުރެވޭނެ އެތައް ވަސީލަތެއް ހުންނާނެ އެވެ. އޭގެ ތެރޭގައި އެކި ކަންކަމަށް ހާއްސަ ހަޓުތަކާއި އައުޓްޑޯ ފެންމާގަނޑުތަކާއި ބާބަކިއު ހަދާނެ ތަންތަނާއި، ފާހާނާ އާއި މި ނޫން ވެސް އެތައް ކަމެއް ހިމެނެ އެވެ. އަދި ކުޑަގިރީގައި މިސްކިތެއް ވެސް ހަދާފައިވެ އެވެ.

"ޑޭ ރޫމްތަކާއި އެކި ކުޅިވަރު ފެސިލިޓީތަތަކާއި ޑައިވިން ވޯޓަ ސްޕޯޓްސްގެ ފެސިލިޓީ އެއްކޮށް ފުރިހަމަވެގެން އަންނަ އިރު ހުންނާނެ އަންނާނ،' ފައިސަލް ވިދާޅުވި އެވެ. "ބޭނުން ވަނީ އެޑިއުކޭޝަނަލް ތަނެއްގެ ގޮތުގައި ވެސް މިތަން ބޭނުން ކުރެވުން. އަދި ސިންގަލް ޔޫސް ޕްލާސްޓިކް ނޭރުވޭ ރަށެއްގެ ގޮތުގައި، ހަދައި، ސްމޯކިން ވެސް ވަކި އޭރިއާއެއްގައި ނޫނީ ނުކުރެވޭ ގޮތަށް ހަދަން."

"ކުޑަގިރި" ތަރައްގީކުރަނީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެންނެވެ. އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ އެވެ.