Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ގައިދީންނަށް ފަރުވާދޭން ގެންދާ އޮޕަރޭޝަން ފަށައިފި

ގައިދީންނަށް ފަރުވާ ދޭން ގެންދާ އިރު އަމަލުކުރާނެ ގޮތްތަކަށް އަހުލުވެރިވުމުގެ ގޮތުން "އޮޕަރޭޝަން ހޭހަން" ގެ ނަމުގައި ކަރެކްޝަންސް މިއަދު ޓްރޭނިން ޕްރޮގްރާމެއް ފަށައިފި އެވެ

މިއަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހު ވެސް ކަރެކްޝަންގެ އިސް އޮފިސަރުންތަކެއް ވެސް ރިފްރެޝާ ޕްރޮގްރާމެއް ބޭއްވި އެވެ. "އޮޕަރޭޝަން ހޭހަން" އަކީ ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުންނަށް ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށް ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި ހޮސްޕިޓަލަށް ނުވަތަ އެހެން ވެސް ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް އެ މީހުން ގެންދާ އިރު އަމަލުކުރާނެ ގޮތަށް އަހުލުވެރިވާން ހިންގާ ޕްރޮފްރާމެކެވެ.

މި އޮޕަރޭޝަނާ ބެހޭ ގޮތުން ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވީ މީގެ ސަބަބުން ގައިދީންނަށް ފަރުވާދޭން ގެންދާ އިރު، އަމަލުކުރާނެ ގޮތް ވަރަށް ރަނގަޅަށް ދަސްވެގެން ދާނެ ކަމަށެވެ.

އޮޕަރޭޝަންގައި ހިމެނޭ އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ހާއްސަ ޑޮކްޓަރުންނަށް ދައްކަން ޖެހޭ ގައިދީންނާއި ބަންދުމީހުން ހަދަން ޖެހޭ ތަފާތު އެކި ޓެސްޓުތަކާއި ސިއްހި ޚިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމައަށް ޖަލުން އެސްކޯޓްކޮށް އެ ޚިދްމަތް ލިބޭނެ މަގުފަހިކޮށް ދިނުމެވެ.

"އޮޕަރޭޝަން ހޭހަން" ގައި ބައިވެރިވަނީ މައިގަނޑު ގޮތެއްގައި ހުރިހާ ކޮމިޝަންޑު އޮފިސަރުންނާއި ފަސްޓް ކްލާސް ޕްރިޒަން އޮފިސަރުންގެ މަތީ ރޭންކުތަކުގެ އޮފިސަރުންނެވެ. މީގެ އިތުރުން އޮޕްރޭޝަން ހިންގުމަށް އެހެން ރޭންކްތަކުގެ އޮފިސަރުންނާއި މުވައްޒަފުން އެހީތެރިވާނެ އެވެ. މި އޮޕްރޭޝަންގައި ސީނިއާ މެނޭޖްމަންޓް ބައިވެރިކުރުމުގެ މަގުސަދަކީ ޤައިދީންނާއި ބަންދު މީހުން އެސްކޯޓު ކުރުމުގައި ހުރި ދަތިތައް ދެނެގަތުމާއި އެކު ނިޒާމީ ސިފައެއްގައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި އަދި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތްކުރުމެވެ.

މެޑިކަލް ޓީމް ވެސް ހިމަނައިގެން މި އޮފަރޭޝަންގައި ބައިވެރިވާ އޮފިސަރުން ބެހިފައި ވަނީ ޖުމްލަ އަށް ޓީމަކަށެވެ.