Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ޑި ބްރޭނާގެ ގޯލުން ސިޓީ މޮޅުވެއްޖެ

ޕްރިމިއާ ލީގުގައި މިއަދު ކެވިން ޑި ބްރޭނާގެ ގޯލުން ލެސްޓަ ސިޓީގެ މައްޗަށް 1-0 އިން މެންޗެސްޓާ ސިޓީން ކުރި ހޯދައިފި އެވެ.

މި މޮޅާއެކު ކުޅުނު 12 މެޗުން ލިބުނު 29 ޕޮއިންޓާ އެކު ލީގުގެ އެއްވަނަ އަށް ސިޓީ މިހާރު ވަނީ އަރާފަ އެވެ. ދެވަނައިގައި 11 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު މި މެޗުން ބަލިވި ލެސްޓާ އޮތީ 13 މެޗުން ލިބުނު 11 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ.

މިއީ އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅެ ލީގުގައި ލެސްޓާ ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ. އެ ހަތަރު މެޗުގައި އެޓީމަށް ސިޓީ ކޮޅަށް ގޯލެއް ވެސް ޖެހިފައެއް ނުވެ އެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗަށް ސިޓީން ނިކުތީ އެޓީމުގެ އިތުބާރު ފޯވާޑް އާލިންގް ހާލެންޑްއާ ނުލަ އެވެ. މި މެޗުގައި ހާލަންޑް ކުޅެފައި ނުވަނީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. ހާލަންޑްގެ ބަދަލުގައި މި މެޗުގައި ސިޓީގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައިވަނީ އާޖެންޓީނާގެ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ.

ސިޓީން ޑޮމިނޭޓްކޮށްގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިވާއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ސިޓީ އަށް މެޗުގެ 49 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑި ބްރޭނާ އެވެ. މި ގޯލަކީ ލެސްޓާގެ ޕެނަލްޓީއޭރިއާގެ ބޭރުން ސިޓީ އަށް ލިބުނު ހިލޭޖެހުމަކުން ޑި ބްރޭނާ ކާމިޔާބުކުރި ގޯލެކެވެ.

މި ގޯލް ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ލެސްޓާގެ މީޑްފީލްޑަރު ޔޫރީ ޓިލަމެންސް ފޮނުވާލި ހަމަލާއެއް ސިޓީގެ ގޯލުގެ ދަނޑި އަށް ވަނީ އަމާޒުވެފަ އެވެ. މި ހަމަލާއަށްފަހު ލެސްޓާ އަށް މާ ބޮޑު ނުރައްކަލެއް ސިޓީގެ ގޯލެއް ކުރެވިފައެއް ނުވެ އެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ފުލަމްއާ އެވެ. ލެސްޓާ ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.