Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ދެކުނު ކޮރެޔާގައި ފިތި ބާރުވެގެން 120 މަރު

ދެކުނު ކޮރެޔާގައި ހެލޮވީން ފެސްޓިވަލެއްގެ ތެރެއިން ފިތި ބާރުވެގެން 120 މީހުން މަރުވެއްޖެ އެވެ.

ދެކުނު ކޮރެޔާގެ ވެރިރަށް ސިއޯލްގެ އިޓަވޮން ޑިސްޓްރިކްޓްގެ ހަނި މަގެއްގައި ބޭއްވި މި ފެސްޓިވަލް ބަލާލުމަށް ގާތްގަނޑަކަށް 100،000 މީހުން ޖަމާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއީ ކޮވިޑް-19 އަށްފަހު މާސްކާއި ނުލާ ބޭރުގައި އުޅެން ހުއްދަ ދިން ފަހުން ދެކުނު ކޮރެޔާގައި ފާހަގަކުރާ ފުރަތަމަ ހެލޮވީން އެވެ. ހެލޮވީން އަކީ ކްރިސްޓިއަނުން ފާހަގަ ކުރާ ދުވަހެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު ރިޕޯޓުތައް ބުނާގޮތުން 120 މީހުން މަރުވެފައިވާއިރު 100 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އަދި މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް ވަނީ ކުއްލި ބައްދަލުވުމަކަށް ގޮވާލާފަ އެވެ. އަދި މި ހާދިސާ ހިނގި ސަރަހައްދަށް އެމެޖެންސީ މަސައްކަތް ކުރާ 400 މީހުން މިހާރު ވަނީ ފޮނުވާފަ އެވެ.

މި ހާދިސާ ހިނގިއިރު ސިޔޯލްގެ މޭޔަރު ރަސްމީ ދަތުރުފުޅެއްގައި ޔޫރަޕްގައި ހުންނެވި ނަމަވެސް ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މިހާރު ވަނީ އެނބުރި ގައުމަށް ވަޑައިގެންފަ އެވެ.