އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ ފުރަތަމަ މެޗުން ބަލިވިނަމަވެސް ދެން ކުޅޭ މެޗަކުން ފޭދޫ ސްޕޯޓްސް ބަލިކޮށްލެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ކަލްބް ލޮތާރިއިން ބުނެފިއެވެ.
މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުން ލޮތާރި ޓީމު ބަލިވެފައިވަނީ 2-5 ގެ ނަތީޖާއަކުންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޓީމުގެ ކޯޗު އަހުމަދު ރަޝީދު ބުނީ، ފުރަތަމަ މެޗުގެ ފުރަތަމަ ހާފު ވިއްސާރައިގެ ކުޅުމުގެ ސަބަބުން ޓީމަށް އުނދަގޫ ތަކާއި ކުރިމަތިވި ކަމަށެވެ. އެގޮތުން ފުރަތަމަ ހާފު ވަޔާއި ދެކޮޅަށް ކުޅެން ޖެހުމުގެ ސަބަބުން އެންމެ ބޭނުންވި ގޮތަށް ނުކުޅެވުނު ކަން ފާހަގަ ކުރިއެވެ. އޭނާ ބުނީ ދެވަނަ ހާފުގައި ބޭނުންވާ ގޮތަށް ފަށައި އެއްވަރު ކުރިނަމަވެސް ޓީމުގެ ކަވަރިން މައްސަލަތަކެއް ދިމާވެ ދޫވުމުގެ ސަބަބުން ފޭދޫ ޓީމަށް ލީޑު ނަގަން ފުރުސަތު ލިބުނު ކަމަށެވެ.
ފުރަތަމަ މެޗުން ބަލިވި ނަމަވެސް ލޮތާރި ޓީމުގެ ކޯޗު ވަނީ، ދެން ފޭދޫ ޓީމާއެކު ކުޅޭ މެޗުގައި އެ ޓީމާއި ވާދަކޮށް ފޭދޫ ބަލިކޮށްލެވި ދާނެ ކަމުގެ އުއްމީދު އޮތް ކަމަށް ބުނެފައެވެ.

މެޗަށް ފަހު ފޭދޫ ޓީމުގެ ކޯޗު އިބްރާހިމް ނިޒާރު ބުނީ ދަނޑުގެ ކޮންޑިޝަން އޮތް ގޮތުން ފޭދޫ ޓީމަށް ކުޅެން އުނދަގޫވީ ކަމަށެވެ. ނަމަވެސް ފުރަތަމަ މެޗުން މޮޅުވުމުން އުފާވާ ކަމަށާއި، މެޗަށް ނުކުތްއިރު ލޮތާރި ޓީމަކީ ވަރުގަދަ ޓީމެއް ކަން އެނގޭ ކަމަށް ބުނިއެވެ. އަދި ކުރިއަށް މެޗުތަކަށް މިމެޗުގައި ހެދުނު މިސްޓޭކްތައް ރަނގަޅުކޮށް ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ފޭދޫ ޓީމުން ބުނެއެވެ.
މިމުބާރާތުގައި މާދާމާ ކުޅޭނީ ގްރޫޕް ބީ ގެ ފުރަތަމަ މެޗެވެ. މިމެޗުގައި ބައްދަލު ކުރާނީ މަރަދޫ އެފްސީ އަދި ފާހި ސްޕޯޓްސް ކްލަބެވެ. މިމެޗު އޮންނާނީ މާދަމާ 4:00 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.
އައްޑޫސިޓީ ކައުންސިލުން އިންތިޒާމު ކުރާ މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީ މާކެޓެވެ.