އަންނަ މަހު އައްޑޫގައި ބާއްވަން ހަމަޖެހިފައިވާ 13 ވަނަ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވާން ބެޑްމިންޓަން އެސޯސިއޭޝަނުން ހުޅުވާލައިފި އެވެ.
އެތަނުން ބުނީ އަންނަ މަހުގެ 19-25 އަށް ހިތަދޫގެ ބެޑްމިންޓަން އެރީނާގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވާން ޝައުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 14 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ބެޑްމިންޓަން އެސޯސިއޭޝަންގެ ވެބްސައިޓުން badmintonmaldives.org.mv މިހާރު ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.
މުބާރާތާ ބެހޭ އިތުރު މައުލޫމާތު ބަންދު ނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި އެސޯސިއޭޝަންގެ ނަމްބަރު 3314057 އިން ހޯދޭނެ އެވެ.
އަތޮޅު ލީގުގެ 13 ވަނަ ބެޑްމިންޓަން މުބާރާތް އައްޑޫގައި ބާއްވަން ނިންމި އިރު، އައްޑު އަކީ މިހާރު ވަރަށް ބޮޑަށް ބެޑްމިންޓަންގެ ފޯރި އެކި ލެވެލްތަކުގައި ގަދަ ސަރަހައްދެކެވެ. އެގޮތުން ބެޑްމިންޓަންގެ އެކިއެކި މުބާރާތްތައް ބާއްވައި، އެ ކުޅިވަރުގައި ކުރިއަށް ދާން ބޭނުންވާ މީހުންނަށް ތަފާތު ފުރުސަތުތައް އަންނަނީ ފަހިކޮށް ދެމުންނެވެ.