Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

ނަރީޝްގެ ބަހުގެ ހަމަލާތަކެއް މަހްލޫފަށް

ޗާގޯސް މައްސަލައާ ގުޅިގެން ގައުމީ ވިއްކަނީއޭ ކިޔަނީ ތަރައްގީ ގެންނާތީ ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދެއްކެވި ވާހަކަތަކަކާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

މަހުލޫފްގެ މައްޗަށް ބައެއް ކަހަލަ ތުހުމަތުތަކެއް ކުރެވިި ކޯޓްގައި ވެސް މައްސަލަތަކެއް ހުރި އިރު އެކަމާ ވެސް ގުޅުވައިގެން ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަހުލޫފް ފަދަ ބޮޑަތި ކުށްތަކުގެ ތުހުމަތުކުރެވޭ އަދި ކުށްތަކުގައި ދައުވާކޮށްފައި ތިބޭ މީހުން ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިބުމަކީ ކުށްތަކަށް އަރައިގަތުމަށް ދެވޭ ހިތްވަރެއް ކަމަށެވެ.

"[އެފަދަ މީހުން މަގާމުތަކަށް] ލީމާ އެ މީ ހުން ޕޯޑިއަމްތަކަށް އަރުވައިގެން ދައުލަތް ހިމާޔަތްކުރުމުގެ ނަތީޖާ އަކީ ރާއްޖޭގައި ކުށްކުރާ މީހުންނަށް ހިތްވަރު ލިބި ބޮޑެތިވެގެންވާ ކުށްތަކަށް އަރައިގަތުން." އޭނާ ވިދާޅުވި އެވެ.

ނ. މަގޫދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި މަހުލޫފް ވިދާޅުވީ ޗާގޮސްގެ މައްސަލަ ނިމިގެން ދިޔަތާ އެތައް ޒަމާނެއްވެފައިވާ ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ރަށްތަކަށް ކަންކަން ކޮށް ދެމުން އަންނަކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ޕީޕީއެމުން ވެސް ގަބޫލުކުރާ ކަމަށާއި އެ ވާހަކަ ދައްކަން ފުރުސަތެއް ނެތުމުން އެހެން ވާހަކަތަކެއް ދައްކަނީ ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު މިހާރު އޮތީ ކުރީގެ ސަރުކާރުން ޗައިނާއާ އެކީ ބޭއްވި ފަދަ ގުޅުމެއް ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމެއް ވެސް ނެތް ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"ތަފާތުނުކޮށް ރައްޔިތުންނަށް މި ގެނެސްދޭ ތަރައްގީއާ ބެހޭ ގޮތުން ދައްކާނެ ވާހަކަ ނެތުމުން ދެން އަޅުވަނީ ލާދީނީއޭ، ގައުމު ވިއްކަނީއޭ،" އޭނާ ވިދާޅުވި އެވެ. "އެ ލާދީނީ ވާހަ ކަވެސް އެމްޑީޕީ އަށް ގޮވަން އުޅުނު އެކަކު ނޫންތޯ އަޅުގަނޑަކީ ވެސް. އެއީ ސިޔާސީ ވާހަކައެއް. އެއީ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ވަކި ގޮތަކަށް ރޭވިގެން ކުރެވޭ ކަންކަން."