މަޝްހޫރު ގުއަންޓަނަމޯ ބޭ ޖަލުގައި ހުރި އެންމެ ދުވަސްވީ ގައިދީ އިއްޔެ މިނިވަންކޮށްފި އެވެ.
އެމެރިކާ އިން ކިއުބާގައި ހިންގާ އަސްކަރީ ޖަލުން ދޫކޮށްލި އެންމެ ދުވަސްވީ މީހަކީ އެމެރިކާގެ ޓްވިން ޓަވަރަށް ސެޕްޓެމްބަރު 11، 2001 ގައި އަލް ގައިދާ އިން ގޮއްވާލައި ދިން ޓެރަރިސްޓް ހަމަލާ އަށް ފަންޑްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލަށްލި ޕާކިސްތާންގެ ސައިފުﷲ ޕަރާޗާ، 75، އެވެ. ޓްވިން ޓަވަރު ގޮއްވާލި ހާދިސާގެ ދެ އަހަރު ފަހުން އޭނާ ހައްޔަރުކޮށް ގުއަންޓަނަމޯ ބޭ ޖަލުގައި ބަންދުކޮށް، ދޫކޮށްލުމާ ހަމައަށް އެއްވެސް ދައުވާއެއް އުފުލައިފައެއް ނުވެ އެވެ.
ސައިފުﷲ ދޫކޮށްލައި ޕާކިސްތާނާ އިއްޔެ ހަވާލުކުރިކަން އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެސް ބުންޏެވެ. އޭގައި ވަނީ ސައިފުﷲ މިނިވަންކޮށް ދިނީތީ އާއި އެތައް އަހަރެއް ފަހުން އޭނާ އަށް އާއިލާގެ މީހުންގެ ގާތަށް ދެވޭތީ ވަރަށް އުފާކުރާ ކަމަށް ބުނެފަ އެވެ.

އޭނާ ދޫކޮށްލުމާ ގުޅިގެން ވަކީލު ކްލައިވް ސްޓެފޯޑް-ސުމިތު ވިދާޅުވީ ސައިފުﷲ އަށް އިންސާފު ހޯދަން މިހާތަނަށް ވަރަށް ގިނަ މަަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ދައުވާއެއް ވެސް ނެތި، "ވާނުވާގައި" އެހާ ގިނަ ދުވަހު ހައްގަކާ ނުލައި ޖަލުގައި ބަހައްޓަން އެހާ ދިހު މުއްދަތެއް ނެގީ ކީއްވެތޯ ސުވާލު އުފައްދަވާފައިވެ އެވެ.
އެމެރިކާއިގެ އެފްބީއައި އިން ހިންގި އޮޕަރޭޝަނެއްގައި ސައިފްﷲ ހައްޔަރުކުރީ 2003 ގައި ތައިލޭންޑުންނެވެ. އޭނާ ގުއަންޓަނަމޯ ބޭ އަށް ބަދަލުކުރުމުގެ ކުރިން 14 މަސް ވަންދެން ބެހެއްޓީ އަފްގާނިސްތާންގެ ބަގްރާމް ޖަލުގަ އެވެ.
ސައިފްﷲ ދޫކޮށްލަން އެމެރިކާ އިން ނިންމީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މިކަމާ ގުޅިގެން ރައީސް ޖޯ ބައިޑެން އަށް ބޮޑެތި ޕްރެޝަރުތަކެއް ވެސް ކުރިމަތިވި އެވެ.