Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

މެދުކެނޑުމަކަށް ފަހު ޕޮލިސް ކޮލެޖުގެ ތަމްރީނު ފަށައިފި

އައްޑޫ ޕޮލިސް ކޮލެޖުގައި 34 ވަނަ ޕީއައިޓީސީ ފެށިގެން ކުރިއަށް ދަނީ - ފޮޓޯ: ޕޮލިސް

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓްގެ ދަރިވަރުންތަކެއް ބަލިވެގެން ތަމްރީނު މެދުކެނޑި ނަމަވެސް އަލުން ތަމްރީނުތައް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މާޗް މަހުގެ 27 ގައި ހުޅުވުމަށް ފަހު އެ ތަނުގައި އަލަށް އޮގަސްޓް މަހު ފެށި ފުލުހުންގެ ތަމްރީނު ބެޗްގެ ބައިވެރިންގެ ތެރޭގައި ނުރައްކާތެރި ހުމެއް ފެތުރޭތީ، ތަމްރީނުތައް ހުއްޓާލާފައިވާ ކަމަށް ބައެއް މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވެ އެވެ. އަދި "ތައިފޮއިޑް ހުމެއް" ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

ނަމަވެސް މިކަން ފުލުހުންނާއި ރަސްމީ އެހެން އިދާރާއަކުން ވެސް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

ތަމްރީނު ކޯހުގެ ބައިވެރިންތަކެއް.

މިކަމާ ބެހޭ ގޮތުން "އައްޑޫ ލައިވް" އަށް ފުލުހުން ބުނީ އައްޑޫގައި ކުރިއަށްދާ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންތަކެއް ބަލިވެގެން ތަމްރީނު މެދުކަނޑާލަން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު ތަމްރީނު އަލުން ފަށާފައިވާ އިރު، ދެ ދަރިވަރަކު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ އަންނަ ކަމަށް ވެސް ފުލުހުން ބުންޏެ.

ނަމަވެސް އެ ދަރިވަރުން ބަލިވީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އައްޑޫ ޕޮލިސް ކޮލެޖްގައި ހިންގާ ފުލުނުންގެ ފުރަތަމަ އަސާސީ ތަމްރީނު ކޯހުގައި 197 ދަރިވަރަކު ބައިވެރިވެ އެވެ. މިއީ ފުލުހުންގެ 34 ވަނަ ތަމްރީނު ކޯހެވެ.