ބޭންކް އޮފް މޯލްޑިވްސް އިން މިއަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ނަތީޖާ ހާމަކޮށްފި އެވެ.
މި ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 367 މިލިއަން ރުފިޔާ ލިބިފައިވާއިރު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 694 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު 17 ޕަސެންޓް އިތުރު އަދެދެކެވެ.
ބީއެމްއެލުން ބުނީ މި ނަތީޖާ ހާސިލް ކުރެވިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި އަދި ރަނގަޅު ލޯނު ޕޯޓްފޯލިއޯ ދެމެހެއްޓިގެން ކަމަށެވެ. އަދި ބޭންކަށް ރަނގަޅު ނަތީޖާއަކާއެކު މިއަހަރު ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް ބީއެމްއެލުން ބުނެ އެވެ.
މުޖުތަމައަށް އެހީވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހއ. ފިއްލަދޫ އަދި ވަށަފަރުގައި އަލަށް ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ވަނީ ފައްޓާފަ އެވެ. ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ބޭންކުންވަނީ މިދިޔަ ކުއާޓަރގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި އޮންކޮލޮޖީއަށް ހާއްސަ ވޯޑެއް ގާއިމް ކުރުމަށާއި، ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމުގެ އިތުރުން ސްޕޯޓްސް ސްކޮލާޝިޕް ޕްރޮގްރާމް އިއުލާންކޮށްފަ އެވެ.
މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއެކު، މި ކުއާޓަރގައި ހަރުދަނާ މާލީ ނަތީޖާއެއް ހާސިލްކުރެވިފައިވާ ކަމަށާއި ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ދިވެހި ރައްޔިތުންނަށް އެހީވުމާއި ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމިއޮތުމަށް ނުހަނު ބުރަކޮށް މަސައްކަތްކުރަމުންދާނެ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ މިއަހަރަކީވެސް ކާމިޔާބު އަހަރަކަށްވުން. އަދި މި ފުރުސަތުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމާއި ބޯޑު ޑައިރެކްޓަރުން ދެއްވާ އިރުޝާދާއި އެހާމެ ބުރަކޮށް މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ ޓީމަށް ޝުކުރު އަދާކުރަން." އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސާވިސް ބޭންކިން ސެންޓަރު، 140 އޭޓީއެމް، 7،900 ޕޮއިންޓް އޮފް ސޭލް މާޗަންޓުންނާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.