އިންޑިއާގައި ބްރިޖެއް ކޯރެއްގެ ތެރެއަށް ވެއްޓި 60 މީހުން މަރުވެއްޖެ އެވެ.
އިންޑިއާގެ ގުޖްރާތުގައި ހުންނަ މި ބްރިޖް ވެއްޓުނުއިރު އޭގެ މަތީގައި 400 އެއްހާ މީހުން ތިބި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ބްރިޖް ވެއްޓިފައި ވަނީ މަރާމާތަށްފަހު ހުޅުވިތާ ހަތަރު ދުވަސް ފަހުންނެވެ. މިއީ 230 މީޓަރު ދިގު ބްރިޖެކެވެ.
މި ހާދިސާގައި 60 މީހުން މަރުވެފައިވާއިރު އޭގެތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާއި އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދިވެސް ގިނަ ބަޔަކު ކޯރުގެ ތެރޭގައި ތިބިއިރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މިކަމާ ހިތާމަފާޅުކޮށް މަރުވި ފަރާތްތަކަށާއި އަނިޔާވި ފަރާތްތަކަށް ބަދަލުދޭނެކަން ހާމަކުރައްވާފަ އެވެ.
އިންޑިއާގައި ބްރިޖްތައް ވެއްޓި މިފަދަ ހާދިސާތައް އާންމުކޮށް ހިނގަމުންދެ އެވެ.