Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ބްރެޒިލްގެ ރައީސަކަށް ލޫލާ އިންތިހާބުވެއްޖެ

ބްރެޒިލްގެ ކުރީގެ ރައީސް، ލޫލާ ޑަ ސިލްވާ އެގައުމުގެ ރައީސްކަމަށް އަލުން އިންތިހާބުވެއްޖެ އެވެ.

ލޫލާ ،77، ބްރެޒިލްގެ ރައީސް ކަމަށް އިންތިހާބުވީ ބްރެޒިލްގައި ރައީސްކަމުގައި މިހާރު ހުންނެވި ކަނާތު ފިޔައިގެ ރައީސް ޖައި ބޮލްސޮނާރޯއާ ވާދަކޮށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ލޫލާ ވަނީ ވޯޓުލީ މީހުންގެ 50.8 އިންސައްތަ ކާމިޔާބުކޮށްފަ އެވެ. ބޮލްސޮނާރޯ އަށް ކާމިޔާބު ކުރެވުނީ 49.2 ޕަސެންޓް މީހުންގެ ވޯޓެވެ.

އިންތިހާބުން ބަލިވިކަން ރަސްމީކޮށް އަދި ބޮލްސޮނާރޯ އިއުލާންކުރައްވާފައި ނުވި ނަމަވެސް ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ ލޫލާ އަށް މަރުހަބާ ކިޔަން ފަށައިފަ އެވެ. ލޫލާ އަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ފްރާންސް ފަދަ ގައުމުތައް ހިމެނެ އެވެ.

ލޫލާ މީގެ ކުރިން ބްރެޒިލްގެ ރައީސްކަން ކުރެއްވީ 2003-2010 އަށެވެ.

ބްރެޒިލްގައި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރަން ލޫލާ މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން އެ ފަހަރު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލޫލާ އަށް ގެއްލިފައިވެ އެވެ. ނަމަވެސް އެ ހުކުމް ބްރެޒިލްގެ ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލުކޮށްފަ އެވެ.

ލޫލާ ވިދާޅުވީ އެ ހުކުމް އޭރު އިއްވުމުގެ ބޭނުމަކީ ރިޔާސީ އިންތިހާބުގައި ވާދަކޮށްފާނެތީ އެ ފުރުސަތު ބަންދުކުރުން ކަމަށެވެ. އޭރު ލޫލާގެ މަގުބޫލުކަން ބްރެޒިލްގައި އިންތިހާ އަށް ބޮޑެވެ.