Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ބްރިޖް ވެއްޓިގެން މިހާތަނަށް 132 މަރު

އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ބްރިޖެއް ރޭ ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި މީހުންގެ އަދަދު 132 އަށް އަރައިފި އެވެ.

ކަމާބެހޭ އޮފިޝަލުން ވިދާޅުވީ މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަކުޑަދިން ކަމަށެވެ. މައްޗޫ ކޯރު ހުރަސްކުރެވޭ ގޮތަށް މަތިން އަޅާފައި އޮތް ބްރިޖް ހަލާކުވެގެން ވެއްޓުނީ، އޭގެ މަރާމާތުތަކެއްކޮށް އަލުން ބޭނުން ކުރަން ފެށިތާ ހަތަރު ދުވަސް ފަހުންނެވެ. ބްރިޖް ވެއްޓެން ދިމާވީ އޭގެ މަތީ މީހުން ތޮއްޖެހި ބަރުދަން ނުފެހެއްޓިގެންނެވެ.

ދިގުމިނުގައި 230 މީޓަރު (754 ފޫޓް) ގެ މި ބްރިޖަކީ އިނގިރޭސިން އިންޑިއާގައި އުޅުނު ދުވަސްވަރު އެޅި ބްރިޖެކެވެ. އޭގެ ފަހުން އެތައް ފަހަރެއްގެ މަތިން އެ މަރާމާތުކޮށްފައިވެ އެވެ.

ގުޖްރާތުގެ މޯބީގައި އަޅާފައިވާ ބްރިޖް ވެއްޓުނު އިރު އޭގެ މަތީގައި 500 އެއްހާ މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެގޮތުން ކޯރަށް ވެއްޓި އެތައް ބަޔަކު މަރުވި އިރު، އެތައް ބަޔަކު ޒަހަމްވެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ގެއްލިފަ އެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި މަރުވި މީހުންގެ އަދަދު ވެސް މަތިވުމުގެ ފުރުސަތު ބޮޑެވެ. އަދި ގެއްލުނު މީހުން ހޯދަން މަސައްކަތްކުރަމުން އަންނަ އިރު، ބްރިޖުން ވެއްޓު މީހުންގެ ތެރެއިން 177 މީހަކު މިހާތަނަށް ސަލާމަތްކޮށްފައިވެ އެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން ފުލުހުންނާއި އަސްކަރިއްޔާގެ އިތުރުން ޑިޒާސްޓާ ރެސްޕޮންސް ޓީމުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.