Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ހުށަހަޅުއްވަނީ / ފޮޓޯ: މަޖިިލިސް

އަންނަ އަހަރަށް ދައުލަތުގެ ބަޖެޓުގެ ގޮތުގައި 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބަޖެޓު ހުށެހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިޙް ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުން ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ދައުލަތުގެ ބެޖެޓު އެކުލަވަލާލުމުގައި ބަލާލާފައިވާނީ މެދު ރާސްތާގައި ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ދަމަހައްޓާ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމުގެ މައްޗަށް ކަމަށެވެ.

އަންނަ އަހަރަށް ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައި ވަނީ 42،680،269،914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާ އެވެ. މީގެ ތެރެއިން ޙަރަދުގެ ގޮތުގައި ހިންގާނީ 40.6 ބިލިއަން ރުފިޔާ އެވެ. އެއީ ރިކަރެންޓް ޙަރަދުގެ 28.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޙަރަދުގެ 14.1 ބިލިއަން ރުފިޔާ އެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާ ކަމަށާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއާއެކު ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 5 ބިލިއަން ރުފިޔާ ކަމަށް އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އަންނަ އަހަރަށް ދައުލަތު ހުށަހަޅާފައިވާ ބެޖެޓު ފޮތް / ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ، ބަޖެޓުގެ ކެޕިޓަލް ޙަރަދު ތަކުގެ ތެރެއިން 8.4 ބިލިއަން ރުފިޔާ ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫޢު ތަކަށް ޙަރަދު ކުރާނެ ކަމަށެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ ބަޖެޓުން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 12.9 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ތަކެއްޗާއި ޚިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ޚަރަދުތަކަށް 5.6 ބިލިއަން ރުފިޔާ ހޭދަވާނެ ކަނޑައަޅާފައިވާއިރު، ސަބްސިޑީސް އާއި އެހީ ދިނުމަށް 6.6 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ފާހަގަ ކުރިގޮތުގައި، އަންނަ އަހަރުގެ ޑެފިސިޓާއި ދަރަނި އަދާކުރުމަށާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ޓްރާންސްފަރ ހިމަނައިގެން ބަޖެޓު ފައިނޭންސްކުރުމަށް 11.5 ބިލިއަން ރުފިޔާ ބޭނުންވާކަމަށެވެ. މީގެ ތެރެއިން 6.5 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވަނީ ބޭރުގެ ފަރާތްތަކުން ކަމަށާއި، މީގެ ތެރޭގައި މަޝްރޫޢުތަކަށް މިހާރު ސޮއިކޮށްފައިވާ ލޯނުތަކުން ޚަރަދުވާނެކަމަށް ބެލެވޭ 4.1 ބިލިއަން ރުފިޔާ ހިމެނިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ބޭރުން އިތުރަށް ހޯދުމަށް ރޭވިފައިވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ރަހުމަތްތެރި ދައުލަތްތަކުން ހޯދުމަށް ރޭވިފައިވާ 150 މިލިއަން އެމެރިކާ ޑޮލަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިތުރު 5 ބިލިއަން ރުފިޔާ އެތެރޭގެ ފަރާތްތަކުން ހޯދުމަށް ރޭވިފައިވާ ކަމާށާއި މީގެ ތެރެއިން 4.7 ބިލިއަން ރުފިޔާއަކީ ޓްރެޜަރީ ބިލު ވިއްކުމަށް ރޭވިފައިވާ ފައިސާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

އަދި މި ބަޖެޓުގެ ތެރެއިން މެދުރާސްތާގައި ދަރަނި މެނޭޖްކޮށް ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރެވޭނެ ކަމާށާއި ދައުލަތުގެ އާމްދަނީ އިތުރުކުރުމާއި ޚަރަދު ކުޑަކުރުމުގެ ސަބަބުން ވެސް މެދުރާސްތާގައި ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުވާނެ ކަމަށް އަމީރު ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވި އެވެ.