Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

ފޯޅަވަހި ސަރަހައްދު ދޫކޮށްލުމަކީ ބޮޑު ހިޔާނާތެއް: ޖަމީލު

ފޯޅަވަހީގެ ސަރަހައްދު ދޫކޮށްލަން ސަރުކާރުން ނިންމުމަކީ ވެރިއަކު އަމިއްލަ މަސްލަތަށް ގައުމަށްވާ އެންމެ ބޮޑު ހިޔާނާތް ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑު ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ކުރެއްވި ޓްވޫޓެއްގައި ވިދާޅުވީ ސަރަޙައްދުތައް ހިމާޔަތްކުރުމަކީ ވެރިއެއްގެ އެންމެ އަސާސީ ޒިންމާ ކަމަށާއި ފޯޅަވަހީގެ ސަރަޙައްދު ދޫކޮށްލި އިރު ގާނޫނީ އެއްވެސް ޙުއްޖަތެއް ވެސް ރައީސް ސޯލިހާއި ސަރުކާރަށް ނުދެއްކުނު ކަމަށެވެ.

ރާއްޖޭގައި މިހާރު ސިޔާސީ ގޮޔުން އެންމެ ހޫނުކޮށް ދެކެވެނީ ޗާގޯސް މައްސަލަގަނޑުގެ ވާހަކަ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން ރައީސް ވިދާޅުވެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލައަށް ޙައްލެއް ނުހޯދި އޮންނަތާ ވަރަށް ގިނަ އަހަރުވެފައިވާ ކަމަށާއި އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން، 1992 ވަނަ އަހަރު ވެސް، އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަޝްވަރާތަކެއް ކުރި ކަމަށެވެ.

ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮތް އިމުގެ ސަރަޙައްދު، ފުށުއަރާ ސަރަޙައްދާ ދޭތެރޭގައި ގޮތެއް ހޯދުމަށްޓަކައި އިނގިރޭސިވިލާތާ އެކީގައި، 1992 ވަނަ އަހަރު މަޝްވަރާކޮށް އެއްބަސްވެފައި އެބައޮތް ކަމަށާއި އޭރު އިނގިރޭސި ސަރުކާރާ އެކުގައި އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު، ދެ ޤައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށްފައިވޭ. މި ދައްކަނީ ހަމަ ޗާގޯސްގެ ވާހަކަ. އަދި އޭރު އެއްބަސްވެފައި ވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، މޮރިޝަސްއާއި ދިވެހިރާއްޖެއާ ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ޙައްލުކުރުމަށް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި މައްސަލައިގައި މިހާރުވެސް ދަމަހައްޓަމުން އަންނަނީ، މިކަމުގައި އެންމެ ކުރިން ފެށިގެން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުން އައި، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތު ކަމަށެވެ. އަދި މި މައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައި ކަމަށާއި ވަކި ސަރުކާރަކާ އެކީގައި ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަމުގައި ވެސް، ވަކި މީހެއްގެ އަމިއްލަ ބޭނުމަކަށް، ނޫނީވިއްޔާ ވަކި ބައެއްގެ އަމިއްލަ ބޭނުމަކު ނުވަތަ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް، އަދި ކަމުގެ ހަގީގަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުން ދިޔުމަކީ، ވަރަށް ދެރަ މައްސަލައެއް،" ރައީސް ވިދާޅުވި އެވެ. "އެފަދަ ވާހަކަތައް ފަތުރައިގެން، ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ، އެއަށްވުރެ މާބޮޑަށް ހިތާމަހުރި ކަމެއް."
ރައީސް ވަނީ މި މައްސަލައިގައިވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައި ވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް، މި ސަރުކާރަކުން މިހާތަނަށްވެ ސް ނިންމާފައެއް ނޯންނާނެ ކަމަށާއި އަދި ދެން ވެސް، އެފަދަ ގެއްލުމަކަށް މި ސަރުކާރުން ޖާގައެއް ނުދޭނެ ކަމަށް ވިދާޅުވި އެވެ.