Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

އަންނަ އަހަރު އިގުތިސާދު 7.6 ޕަސެންޓަށް ކުރިއަރާނެ

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ހުށަހަޅުއްވަނީ / ފޮޓޯ: މަޖިިލިސް

އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު ކޮވިޑުގެ ކުރިން އޮތް މިންވަރު ފަހަނަޅައި ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މިހެން ވިދާޅުވީ މިއަދު ދައުލަތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހުގައި ހުށަހަޅުއްވަމުންނެވެ. ސަރުކާރުން އަންނަ އަހަރަށް 42.6 ބިލިއަން ރުފިޔާ ބަޖެޓެއް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. މިއާއެކީ އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ ކޯވިޑުގެ ތަދުމަޑުކަމުން ރާއްޖެ އަރައިގަތުމަށް ފަހު ހުށަހަޅާ ފުރަތަމަ ބެޖެޓު ކަމަށް އަމީރު ވިދާޅުވި އެވެ.

"މިގޮތުން، 2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު ކޮވިޑް-19ގެ ކުރީގެ އިޤްތިސާދު ހުރި މިންވަރަށް ވުރެ ކުރިއަރައި ދާނެ. މިއީ ސަރުކާރުން ކޮވިޑް-19 އާއެކު އެޅި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ." މިނިސްޓަރު ވިދާޅުވި އެވެ.

މަޖިލީހުގައި ބަަޖެޓު ހުށަހަޅުއްމުން ފިނޭންސް އަމީރު ވިދާޅުވީ، ކޯވިޑު-19 އިގެ ދަތި އުނދަގޫ އަހަރަށް ފަހު 2021 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 41.7 ޕަސެންޓް ކުރިއެރި ކަމަށެވެ. އަމީރު ވިދާޅުވީ ގޮތުގައި މިއީ އޭރު އަންދާޒާ ކުރި އަދަދަށް ވުރެ އިތުރު އަދަދެއް ކަމަށާއި، އިޤްތިޞާދު ރިކަވަރީ މިއަހަރު ވެސް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން މިއަހަރު ރާއްޖޭގެ އިޤްތިޞާދު 12.3 އިންސައްތައިގައި ކުރިއަރާނެ ކަމަށާއި، އަންނަ އަހަރު އިގުތިސާދު 7.6 ޕަސެންޓް ކުރިއަރާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ މިންވަރަށް އަލިއަޅުވަމުން އަމީރު ވިދާޅުވީ އައިއެމްއެފް ފަދަ ޖަމާޢަތްތަކުން ދުނިޔޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރަނީ 2.7 އިންސައްތައިގައި ކަމަށެވެ. ކޯވިޑުގެ ބަލިމަޑު ކަމަށް ފަހު އަދި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގެ އިގުތިސާދު ތަފާތު ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް ފަތުރުވެރިކަމާއި އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ. މިއާއިއެކު ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި، ސިނާއަތްތަކުގެ ކުރިއެރުން 2021 ވަނަ އަހަރު ބޮޑުތަނުން އިތުރުވެ، 2022 ވަނަ އަހަރުވެސް މި ދަނީ އެއްވާނެއްގައި މައްޗަށް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ އިޤްތިސާދަށް ހުރި ހިރާސްތައް މެނޭޖްކުރަމުން، އިޤްތިސާދުގެ ކުރިއެރުން ދެމެހެއްޓޭ ނަމަ، ރާއްޖޭގެ އިޤްތިސާދީ ހަމަޖެހުމާއި ސިނާއަތްތަކުގެ ކުރިއެރުމާއި، ރައްޔިތުންގެ ފާގަތިކަން ދެމެހެއްޓޭނެކަމާމެދު އަޅުގަނޑުމެންގެ ޔަޤީންކަން އެބައޮތް." އަމީރު ވިދާޅުވި އެވެ.

ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން އަދި ޤައުމުތަކުގައި އިންފްލޭޝަން މަތިވުމުގެ ސަބަބުން ރާއްޖޭގައި އިންފްލޭޝަން ހިފެހެއްޓުމަށް ސަބްސިޑައިޒް ކުރަން ޖެހުނު ކަމަށް އަމީރު ވިދާޅުވި އެވެ. މިއީ އިޤްތިޞާދީ އަދި ފިސްކަލް ހިރާސްތައް ބޮޑު ދާއިމަށް ދެމެހެއްޓޭނެ ސިޔާސަތު ތަކެއް ނޫން ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން މިފަދަ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި، 2023 ވަނަ އަހަރު އިންފްލޭޝަން ހުންނާނީ 5.4 އިންސައްތައިގައި ކަމަށް އަމީރު ވިދާޅުވި އެވެ.