މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ބޮޑު ކުރުމުން ދައުލަތުގެ އާމްދަނީއަށް 3.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފިއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2023 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި ބަލާފައިވާނީ މެދުރާސްތާގައި ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ދަމަހައްޓައި، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިސާދަށް ހުރި ހިރާސްތައް މެނޭޖްކޮށް، އިޤްތިސާދީ އަޑިގުޑަންތަކުން އަރައިގަތުމުގެ ވިސްނުމަށް ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ފިސްކަލް ސްޓްރެޓެޖީގައި ހުށަހަޅާފައިވާ ޓާގެޓްތައް ހާސިލުކުރުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި، ކުރިމަތިވަމުންދާ ގޮންޖެހުންތަކާއެކު، މި ބަދަލުތައް އަވަސް ކުރަންޖެހޭ ކަމަށެވެ. ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް، ދެމެހެއްޓެނިވި މިންގަނޑުތަކަށް ބަޖެޓު ގެނައުން ލާޒިމުކަން ފާހަގަކޮށް މިނިސްޓަރު އަމީރު ވިދާޅުވީ، ބަޖެޓް 2023 ގައި ހުށަހަޅާފައިވާނީ ބަޖެޓް ޑެފިސިޓް ކުޑަކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ގެނައުމަށް ކަމަށެވެ. އެގޮތުން ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށް ވުރެ ތިރިކޮށް، ދައުލަތުގެ އާމްދަނީ އިން ރިކަރަންޓް ޚަރަދު ފޫބެއްދުމަށް ނިންމާފައިވާ ކަމަށާއި، މި ކަމަށްޓަކައި ދައުލަތުގެ ބަޖެޓުން 6 ބިލިއަން ރުފިޔާގެ އެޖަސްޓްމަންޓެއް ގެންނަން ޖެހޭ ކަމަށެވެ.
"މިގޮތުން، އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީ ރޭޓުތައް ބަދަލުކުރުން ހިމަނާފައިވާނެ. މި ބަދަލުން، އާމްދަނީއަށް 3.6 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހަޅާފައިވާނެ. އަދި 3 ބިލިއަން ރުފިޔާގެ ޚަރަދުތައް ކުޑަކުރުމަށް ހުށަހަޅާފައިވާނެ. ޚަރަދަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި، ތެލަށްދެވޭ ސަބްސިޑީ ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި، އާސަންދަ އާއި ބޭސްގަތުމަށްކުރާ ޚަރަދުކުޑަކުރުން ހިމެނޭ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިފިޔަވަޅުތަކުން، 2023 ވަނަ އަހަރުގެ ބަޖެޓުން މާލީ ދެމެހެއްޓެނިވިކަން އިތުރުކުރެވިގެންދާނެ ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، 2023 ގެ ބަޖެޓު ވެގެންދާނީ އުއްމީދީ ބަޖެޓަކަށް ކަމަށާއި، ސަބަބަކީ ބަޖެޓުގައި ގިނަގުނަ ކަންކަން ރޭވިފައިވުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.