Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ބަޖެޓު މަސައްކަތް ނޮވެމްބަރުގެ ނިޔަލަށް ނިންމަނީ

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގެ މަސައްކަތް އަންނަ މަހުގެ ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މިއަދު މަޖިލީހަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ހުށަހަޅުއްވާފައެވެ. އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައި އޮތީ 42.6 ބިލިއަން ރުފިޔާގެ ބެޖެޓެކެވެ. މި ބަޖެޓަކީ 5 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ބެޖެޓު މަޖިލީހަށް ހުށަހެޅުއްވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުން ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތް ހާމަ ކުރައްވާފައެވެ. އެގޮތުން ބަޖެޓުގެ ބަހުސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 8 ގަ އެވެ. އޭގެ ކުރީން ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ބަޖެޓުގެ މަސައްކަތްތައް ފެށިގެން ކުރިއަށް ދާނެ އެވެ. ބަޖެޓު ދިރާސާ ކުރާ ކޮމެޓީ އަކީ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީ އަދި މަލީއްޔަތު ކޮމެޓީ އެކުވެގެން އޮންނަ ކޮމެޓީއެކެވެ.

އެގޮތުން ބަޖެޓު ކޮމެޓީގެ މަސައްކަތް ނިންމައި ކޮމެޓީގެ ރިޕޯޓު މަޖިލީހުގެ ރައީސަށް ނޮވެމްބަރު މަހު 17 ވަނަ ދުވަހު ފޮނުވާނެ ކަމަށް މަޖިލީހުން ހާމަކުރެއެވެ. އަދި އޭގެ ފަހުން މެންބަރުންނަށް ކޮމެޓީ ރިޕޯޓަށް އިސްލާހު ހުށަހެޅުމަށް 3 ދުވަސް ދިނުމަށް ފަހު، ބެޖެޓުގެ ބަހުސް ފެށިގެން ކުރިއަށް ދާނެ އެވެ. އަދި ނޮވެމްބަރު މަހުގެ ނިޔަލަށް ބަޖެޓުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ކަން މަޖިލީހުގެ ރައީސް ވަނީ ހާމަކުރައްވައިފަ އެވެ.

މިއާއެކު މެންބަރު ބަޖެޓުގެ ކަންކަން ބެއްލެވުމަށް ފަހު، ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތައް ދައުލަތުގެ ދަރަނި އަދި، ރައްޔިތުން ބޭނުންވާ ކަންކަމަށް ވިސްނަވައި ބަޖެޓުގެ ކަންކަން ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރައީސް ވަނީ މެންބަރުންނަށް އިރުޝާދު ދެއްވައިފަ އެވެ.

މި އަހަރު ބަޖެޓު ހުށަހެޅި އިރު އަމީރު ވިދާޅުވީ ބަޖެޓުގެ އަމާޒަކީ ރައީސްގެ ފަހު އަހަރު ރައްޔިތުންނަށް ވެފައިވާ މުހިންމު ވަޢުދުތައް ފުއްދުން ކަމަށެވެ.