އިންޑިއާގައި ބްރިޖެއް ކޯރެއްގެ ތެރެއަށް ވެއްޓި މަރުވި މީހުންގެ ތެރޭގައި 47 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އިންޑިއާގެ ގުޖްރާތުގައި ހުންނަ މި ބްރިޖް ވެއްޓުމުގެ ހާދިސާގައި 141 މީހުން ވަނީ މަރުވެފަ އެވެ. އޭގެތެރޭގައި 47 ކުޑަކުދިން ހިމެނޭއިރު މަރުވި އެންމެ ހަނގު ކުއްޖާގެ އުމުރަކީ ދެ އަހަރު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ބްރިޖް ވެއްޓުނުއިރު އޭގެ މަތީގައި 400 އެއްހާ މީހުން ތިބި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ބްރިޖް ވެއްޓިފައި ވަނީ މަރާމާތަށްފަހު ހުޅުވިތާ ހަތަރު ދުވަސް ފަހުންނެވެ. މިއީ 230 މީޓަރު ދިގު ބްރިޖެކެވެ. ބްރިޖް ވެއްޓިފައިވަނީ އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު އެރުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބްރިޖް ވެއްޓުމުގެ ހާދިސާއާ ގުޅިގެން ގުޖްރާތުގެ ފުލުހުން ވަނީ 9 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ސެކިއުރިޓީ ބަލަހައްޓަން ތިބި ފަރާތްތަކާއި ވެސް ފުލުހުން މިހާރު އަންނަނީ ސުވާލުކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މިކަމާ ހިތާމަފާޅުކޮށް މަރުވި ފަރާތްތަކަށާއި އަނިޔާވި ފަރާތްތަކަށް ބަދަލުދޭނެކަން ހާމަކުރައްވާފަ އެވެ.
އިންޑިއާގައި ބްރިޖްތައް ވެއްޓި މިފަދަ ހާދިސާތައް އާންމުކޮށް ހިނގަމުންދެ އެވެ.