Last Updated: June 9, 11:45
Tuesday, June 9, 2026
ކުޅިވަރު

ފޭދޫ ސްޕޯޓްސް ގްރޫޕުގެ އެއް ވަނަ އަށް

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް މުބާރާތުގެ ގްރޫޕް އޭ ގެ ދެވަނަ މެޗް ފޭދޫ ސްޕޯޓްސްއިން ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

މިއަދު ހަވީރު ކުޅުނު ތިން ވަނަ މެޗުގައި ފޭދޫ ސްޕޯޓްސް އާއި ހިތަދޫގެ އެފްސީ ބޭރުމަތި ވާދަކޮށް 2-3 އިން ފޭދޫ ސްޕޯޓްސް ވަނީ ކުރި ހޯދައިފަ އެވެ. މިއާ އެކު، ފޭދޫ ސްޕޯޓްސް ވަނީ ކުޅުނު ދެ މެޗް ވެސް ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފޭދޫ ސްޕޯޓްސްއަށް ބޭރުމަތި ޓީމުގެ ގޯލު ހުޅުވައިދިނީ 10 ވަނަ މިނެޓުގައި އެ ޓިމުގެ އަބްދުﷲ ހަނީފެވެ. މި ހާފުގައި ބޭރުމަތި ޓީމަށް ލިބުނު މަދު ފުރުސަތު ތަކުގެ ބޭނުން ހިފިފައެއް ނުވެ އެވެ. މި ހާފުގައި ފޭދޫ ސްޕޯޓްސްގެ ދެވަނަ ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ އިބްރާހިމް މަހުދީ (އިއްބެ) އެވެ. މިހާފު ނިންމާލީ 0-2 ގެ ނަތީޖާއަކުން ފޭދޫ ސްޕޯޓްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބޭރުމަތި ޓީމުގެ ކުޅުން ރަނގަޅުކޮށް ފޭދޫ ގޯލަށް ނުރައްކާ އިތުރު ކުރަން ފެށި އެވެ. ނަމަވެސް ލިބުނު ފުރުސަތުގެ ބޭނުން ހިފައި ފޭދޫ ސްޕޯޓްސްގެ އަހުމަދު ޒަވްލް 82 ވަނަ މިނެޓުގައި ވަަނީ ލަނޑު ޖަހާ އެ ޓީމަށް ލީޑު ފުޅާކޮށް ދީފަ އެވެ.
ބޭރުމަތި ޓީމުން ހިތްވަރު އެލުވާ ނުލައި، ފަހު ދިހަ މިނެޓު ތެރޭ އިތުރު ދެ ލަނޑު ޖަހައި ގޯލުގެ ފަރަޤު ކުޑަ ކުރިއެވެ. އެގޮތުން އެޓީމުގެ އަހުމަދު ނާޝިދު 85 ވަނަ މިނެޓުގައި ގޯލެއް ޖެހި އެވެ. މެޗުގެ ފަހު ގޯލު ބޭރުމަތި ޓީމުން ކާމިޔާބު ކުރީ، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ކުޅެން ލިބުނު 4 މިނެޓު ތެރޭއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޓީމުގެ އީމާން ނަޒީރެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެ އެވެ. މި މެޗުގައި ބައްދަލު ކުރާނީ، ގްރޫޕް ބީ ގެ މެދުވަލު އެފްސީ އަދި އެފްސީ އަފިރިންއެވެ. މިމެޗު ފަށާނީ މާދަމާ ހަވީރު 4:00 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމް ގައެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ މެއިން ސްޕޮންސަރަކީ ހެޕީ މާކެޓެވެ.