އަނިޔާގެ ސަބަބުން ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕޯލް ޕޮގްބާ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.
މިދިޔަ ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި ޕޮގްބާގެ ކަކުލަށް އަނިޔާވެފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ އަނިޔާއާ ގުޅިގެން މިދިޔަ ސެޕްޓެމްބަރުގެ ތެރޭގައި ޕޮގްބާ ކަކުލުގެ އޮޕަރޭޝަނެއްކޮށްފައިވާއިރު އޭނާ ދާދިފަހުން ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފަ އެވެ.
ޕޮގްބާގެ އޭޖެންޓް ރަފައެލާ ޕިމެންޓާ އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި ދެ ދުވަހު ހެދި ޕޮގްބާގެ މެޑިކަލް ރިވިއުތަކުން ދައްކާ ގޮތުން އޮޕަރޭޝަނުން ރިކަވާ ވާން އަދިވެސް އިތުރު ވަގުތުތަކެއް ބޭނުންވާކަން ހާމަވެފައިވާ ކަމަށެވެ.
އެގޮތުން ވޯލްޑް ކަޕްގެ ކުރިން ޕޮގްބާ އަށް ޔުވެންޓަސް އަދި ފްރާންސްގެ ގައުމީ ޓީމާ ގުޅުމުގެ ފުރުސަތު ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ. ރިޕޯޓުތައް ބުނާގޮތުން ޕޮގްބާ އަށް ކުޅުމުގެ ތެރެއަށް އެނބުރި ދެން އާދެވޭނީ އަންނަ އަހަރުގެ ތެރޭގަ އެވެ.
ޔުވެންޓަސް އަށް ބަދަލުވި ފަހުން ޕޮގްބާ އެ ކްލަބަށް ރަސްމީކޮށް އަދި މެޗެއް ކުޅެދީފައެއް ނުވެ އެވެ.
ޕޮގްބާ ،29، އަކީ ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު އެޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ޕޮގްބާގެ އިތުރުން އަނިޔާގެ ސަބަބުން ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭއަށް ވެސް ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.