ސްރީ ލަންކާ ކޮލަމްބޯގެ ޔުނިވަސިޓީއަކުން ބެޗްލާސް ޑިގްރީ އަށް ކިޔަވަން އެމްއެންޑީއެފަށް ލިބުނު ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން އާންމުކޮށް ހުޅުވާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިއީ އެ ގައުމުގެ ޖެނެރަލް ސާ ޖޯން ކޮތެލާވަލާ ޑިފެންސް ޔުނިވަސިޓީން އަންނަ އަހަރު ފަށަން ހަމަޖެހިފައިވާ ކޯހެއްގައި ތަމްރީނުވާން ލިބުނު ހަތަރު ސްކޮލަޝިޕް ފުރުސަތު ކަމަށެވެ.

އަންނަ އަހަރުގެ ޖެނުއަރީގައި ފަށަން ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ފުރުސަތި ހުޅުވާލި އިރު މީގެ މައިގަނޑި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އޭ ލެވެލް އިން ދަށްވެގެން ތިން މާއްދާ އިން "ޑީ" ފާސް ލިބިފައިވުމާއި، އުމުރުން 18 އަހަރު ފުރި އަން އަހަރުގެ 23 ގެ ކުރިން 23 އަހަރު ނުފުރޭ މީހަކަށްވުމެވެ.
ސާ ޖޯން ކޮތެލާވަލާ ޑިފެންސް ޔުނިވަސިޓީން ތަމްރީނުވާން ލިބުނު ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި ސްޓްރެޓިޖިކް ސްޓަޑީޒް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް، ލޮޖިސްޓިކް މެނޭޖްމަންޓް، އިންޖިނިއަރިން، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ބަޔޯ-މެޑިކަލް ޓެކްނޮލޮޖީ، ސޮފްޓްވެއާ އިންޖިނިއަރިންގް އަދި ކްރިމިނޮލޮޖީ އެންޑް ކްރިމިނަލް ޖަސްޓިސް ހިމެނެ އެވެ.
ހަތަރު ސްކޮލަޝިޕަަށް ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު ވަނީ މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. އެޕްލިކޭޝަން ފޯމް އެމްއެންޑީއެފްގެ ވެބްސައިޓުން www.mndf.gov.mv ޑައުންލޯޑްކުރެވޭނެ އެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު 3322607 ނުވަތަ މި ނަމްބަރުން 9871235 ހޯދޭނެ އެވެ.