Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

މުސާރަ ލިބުން ލަސްވެގެން މުދިމުންގެ ޝަކުވާތަކެއް

މަރަދޫގެ މިސްކިތެއް.

މިދިޔަ މަހުގެ މުސާރަ ލިބުން ލަސްވެގެން މުދިމުންގެ ޝަކުވާތައް ބޮޑުވެއްޖެ އެވެ.

މިކަމާ ކަންބޮޑުވުން ފާޅުކުރި އައްޑޫގެ މުދިމުންތަކެއް ވިދާޅުވި ގޮތުގައި މަސް ނިމޭ އިރު މުސާރަ ޖަމާނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި މިކަން ތަކުރާރުވަމުން ދިއުމަކީ ވަރަށް ބޮޑަށް ދަތިވާ ކަމެއް ކަމަށް ބުންޏެވެ.

"އައްޑޫ ލައިވް" އާ ވާހަކަ ދެއްކެވި މުދިމުންތަކެއް ވިދާޅުވި ގޮތުގައި މުދިމުންގެ މުސާރަ ފިޔަވައި އައްޑޫގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރަ އިއްޔެ ވަނީ ޖަމާކޮށް ދީފަ އެވެ.

"އެކަމަކު އަޅުގަނޑުމެންގެ މުސާރަ ޖަމާކޮށެއް ނުދޭ. މިއީ ވަރަށް ބޮޑު ތަފާތުކުރުމެއް ވެސް. މުދިމުންނަށް އަބަދު ވެސް މި ޖެހެނީ މުސާރަ ލިބުން ލަސްވެގެން ޝަކުވާކުރަން." މުދިމަކު ވިދާޅުވި އެވެ.

ކަންބޮޑުވުން ފާޅުކުރެއްވި މުދިމުންތަކެއް ވިދާޅުވި ގޮތުގައި އެ މީހުންގެ މުސާރަ އާންމުކޮށް ޖަމާކޮށް ދެނީ މަސް ނިމި އަނެއް މަހުގެ 4-5 ހިސާބުގަ އެވެ. އަދި އެގޮތަށް މުސާރަ ލަސްވުމަކީ ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ކަމެއް ވިދާޅުވި އެވެ.

"އަބަދު ވެސް މިކަމާ ގުޅިގެން އަވަށު އޮފީސްތަކަށް ގޮސް ޝަކުވާކުރުމާއި އިސްލާމިކް މިނިސްޓްރީގެ ކޮންމެވެސް އިސްވެރިއަކަށް ގުޅައިގެން ޝަކުވާކުރަން އަޅުގަނޑުމެންނަށް ޖެހިފައި އޮންނަނީ،" މުދިމަކު ވިދާޅުވި އެވެ. "މި ފަހަރު ވެސް މުސާރަ ލިބުން ލަސްވެގެން ސީދާ އަޅުގަނޑު ސްޓޭޓް މިނިސްޓަރަކަށް ގުޅައި އެ ވާހަކަ ހިއްސާކުރީމަ ވިދާޅުވީ މުސާރައިގެ ކަންކަން ކުރިއަށް އެބަދެއޭ."

އޭނާ ވިދާޅުވި ގޮތުގައި މަސް ނިމޭ ތަނުން މުސާރަ ލިބުމަކީ އެންމެން ވެސް އެދޭނެ ގޮތެވެ. އެކަމަކު އެކަން އެގޮތަށް ނުހިނގާތީ އަބަދު ވެސް އޮންނަނީ ޝަކުވާތައް ގިނަވެފައި ކަމަށް ވިދާޅުވި އެވެ.