ބިޔަ ގަނޑުފެންގަނޑެއްގައި ޖެހިގެން ބިންދައިގެން ދިޔަ މަޝްހޫރު "ޓައިޓޭނިކް" ބޯޓްގެ ގޮތުގައި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އެ ގައުމު ސިފަކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ މިދިޔަ ޖުލައި މަހުގެ 20 ގައި ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިރު، ގައުމު އޮތީ މާލީ އަދި އިގުސާދީ ބޮޑު އަޑިގަނޑަކަށް ވެއްޓި ބަނގޫޓްވެފައި ކަމަށެވެ. އެހެންވެ ގައުމު ހިންގުމުގެ ޒިންމާއާ ހަވާލުވަޑައިގަންނަވަން ޖެހިވަޑައިގަތީ ވަރަށް ދަތި އެހާމެ އުނދަގޫ ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ. އެހެންވެ ރަނިލް އެކަން ސިފަކުރެއްވީ "ޓައިޓޭނިކް" އޭގެ ފުރަތަމަ ދަތުރަށް 1912 ގައި ނުކުމެ އުޅެނިކޮށް ގަނޑުފެންގަނޑެއްގައި ޖެހި ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާ ފަދަ ހާލަތެއްގެ ގޮތުގަ އެވެ.
އޭނާ މި މޭރުމުން ވާހަކަ ދެއްކެވީ ބައްޓަރަމުއްލާގެ ވޯޓަ އެޖް ހޮޓެލްގައި އިއްޔެ ބޭއްވި ލަންލާގެ ޓީ ފެކްޓްރީ އޯނާސް އެސޯސިއޭޝަންގެ 32 ވަނަ ވަނަ އަހަރީ އާންމު ބައްދަލުވުމުގަ އެވެ.
ރަނިލް ވިދާޅުވީ މިހާރު ހުއްޓުމެއް، ވަރުބަލި އަދި މާޔޫސް ކަމެއް ނެތި މަސައްކަތްކުރައްވަނީ ލަންކާ ތާށިވެފައި އޮތް ހާލަތުން ސަލާމަތް ކުރެއްވުމަށެވެ.
"އަޅުގަނޑު މި އަންނަނީ ޖެހިފައި އޮތް ގަނޑުފެންގަނަޑާ ފެއަށް ޖެހެން މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ. "އެކަން ކުރެވުނީމަ އަހަރެމެންނަށް ކުރިއަށް ދާން ފަސޭހަވެ، ގައުމު އަނެއްކާ ވެސް ކުރީގެ އާންމު ހާލަތަށް ގެނެވޭނެ."
ރަނިލް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު އެންމެ ބޮޑަށް މަސައްކަތްކުރަނީ ލަންކާ އަށް ދިމާވެފައި އޮތް ބޮޑުތަދުން އަރައިހަތުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދުމަށެވެ. އަދި އެކަން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ވިދާޅުވި އެވެ.
"އަންނަ މަހުގެ ތެރޭގައި މިކަމުގައި އަޅުގަނޑުމެންނަށް މިކަމުގައި އެއްބަސްވުންތަކަކަށް އާދެވިއްޖެ ނަމަ ދެން ކުރިއަށް ދާން އިތުރށް ފަސޭހަ ވާނެ." ރަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން އަންނަނީ ލަންކާ ދަރާފައި އޮތް ގައުމުތަކާ އެކީ ވެސް މަޝްވަރާތަތެއްކޮށް، ދަރަނިތައް ދެއްކޭނެ ލުއި ގޮތްތަކެއް ހޯދޭތީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާރު ވެސް ޗައިނާ އާއި އިންޑިއާ އަދި ޖަޕާނާ އެކީ ވެސް ވާހަކަތަކެއް ދެކެވެމުން އަންނަ ކަމަށް ރަނިލް ވިދާޅުވި އެވެ.
އޭނަ ލަންކާގެ ރައީސްގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ ސަރުކާރުގެ ބޮޑުވަޒީރުގެ މަގާމުގަ އެވެ. ރަނިލް އަށް ބޮޑުވަޒީރަކަށް އައްޔަންކުރީ މެއި މަހުގެ ތެރޭގަ އެވެ.