2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު މި އަހަރުގެ ބަޖެޓު ފޫބެއްދުމަށް ފައިސާ ހިމަނާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފިނޭންސް މިނިސްޓަރު 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅުއްވިއިރު، 2022 ވަނަ އަހަރުގެ ބަޖެޓް ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ޖެހޭކަމަށް ވިދާޅުވި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައި، ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ މަޖިލީހުން ފާސްކޮށްފައިވާ ވަރަށް ވުރެ އިތުރަށް ބަޖެޓުން ހަރަދު ކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ބ) ގައި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ، އެ ޤާނޫނުގައި ބަޖެޓް ތައްޔާރުކުރުމަށް ބަޔާންކޮށްފައިވާގޮތަށް ސަޕްލިމެންޓަރީ ބަޖެޓެއް ތައްޔާރުކޮށް، އެ ފައިސާ ބޭނުންވާ ދުވަހުގެ އެއް މަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޤާނޫނުތަކުގައި ބަޔާންކޮށްފައިއޮތްގޮތުން، 2023 ވަނަ އަހަރުގެ ބަޖެޓް ތެރޭގައި 2022 ވަނަ އަހަރުގެ ސަޕްލިމެންޓަރީ ބަޖަޓް ހިމެނޭނެ ގޮތެއް ނުފެންނަ ކަމަށެވެ.
މީގެއިތުރުން އެކަމުގައި ހިތްހަމަނުޖެހުން ފާޅުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ދެ މަސް ތެރޭގައި 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރައްވާނެ ކަމަށް އަންދާޒާ ނުކުރެވޭ ކަމަށެވެ.
"އެހެންވީމަ މިހާތަނަށް އައިއިރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ފާސް ކުރުމެއް ނެތި، އެ އިތުރުވާ މިންވަރުގެ ތެރެއިން ކިހާ މިންވަރެއް ހަރަދު ކުރައްވާފައިވާ ކަން ވެސް ސާފުވާކަށް ނެތް. އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި މިއީ މައްސަލައެއް. އަދި އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަނދުމަފުޅުކޮށް އަރުވަންޖެހޭ ނުކުތާއެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ކަންކަން ހިނގާނީ މަޖިލީހުގެ މެމްބަރުން ބޭނުންވާގޮތަށްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅާ ކަންކަން ގާނޫނީ އޮނިގަނޑުގެ ތެރެއިން ނުހިންގޭ ކަމުގައި ވަނީނަމަ، ދުވަހަކަށް ވުރެ ދުވަހެއް މަޖިލީހުގެ އަތުން ކަންކަން ގެއްލެމުންދާވަރު ބޮޑުވާނެ ކަމަށެވެ.
"އެ ހަރަދު ކުރުމުގައި ވަކި އިޖުރާއަތުތަކެއް ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް، މިތަނުގައި ސަރުކާރަށް ތާއީދު ކުރާ މެންބަރުން އިތުރުވީކަމަށް ވަޒީރުބޭފުޅުން ދެކިވަޑައިގަންނަވާ، ފަސޭހަގޮތަށް ކަންކަން ފިރުކާލެއްވީމަ އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަޅުގަނޑުމެންގެ ޑިމޮކްރަސީއަށް ވެސް އަދި މި ރައްޔިތުންގެ މަޖިލީހުގެ ގަދަރާއި ކަރާމާތާއި އިއްޒަތަށް ވެސް ލިބޭ އުނިކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2022 ގެ ބަޖެޓު 42.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށާއި، އެހެންކަމުން 2022 ގެ ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވެފައިވާ ކަމަށެވެ. މި އަހަރުގެ ބަޖެޓު ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ޖެހޭކަން ފާހަގަކޮށް އަމީރު ވިދާޅުވީ އިތުރުވާ ފައިސާ ފައިނޭންސްކުރާނީ މަޝްރޫއުތަކަށް ލިބިފައިވާ ލޯނުތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިން ހޯދައިގެން ކަމަށެވެ.