Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ބްރިޖް މައްސަލާގައި 9 މީހަކު ހައްޔަރުކޮށްފި

މިދިޔަ ހުކުރު ދުވަހުގެ ރޭ އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ބްރިޖެއް ވެއްޓި އެތައް ބަޔަކު މަރުވި މައްސަލައާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގުޖްރާތުގެ މޯރްނީ ސިޓީގެ މައްޗޫ ކޯރުގެ މަތިން އަޅާފައި އޮތް ބްރިޖް ވެއްޓި 141 މީހަކު މަރުވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ އެ ބްރިޖް މަރާމާތުކޮށް، އޮޕަރޭޓްކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައިވާ ކުންފުނި، އޮރެވާ ގްރޫޕްގެ ބައެކެވެ.

މިކަމާ ބެހޭ ގޮތުން މޮރްބީގެ ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ އާޝޯކް ކުމާރު ޔާދަވް ވިދާޅުވީ ހައްޔަރުކުރި މީހުންގެ މައްސަލަ ސީރިއަސްކޮށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ދެ މީހުންނަކީ އޮރެވާ ގްރޫޕްގެ މެނޭޖަރުންނެވެ. ފަސް މީހުންނަކީ ބްރިޖްގެ މަރާމާތާއި ސެކިއުރިޓީ އަށް މަސައްކަތްކުރާ މީހުންނެވެ. އަނެއް ދެ މީހުންނަކީ ބްރިޖަށް ޓިކެޓް ވިއްކުމުގެ މަސައްކަތްކުރާ މީހުންނެވެ.

ބްރިޖް ވެއްޓި އެތަައް ބަޔަކު މަރުވީ އޭގެ މަރާމާތުތަކެއްކޮށް އަލުން ބޭނުން ކުރަން ފެށިތާ ހަތަރު ދުވަސް ފަހުންނެވެ. ވެއްޓުނު ބްރިޖަކީ އިނގިރޭސިންގެ ޒަމާނުގައި މީގެ 140 އަހަރު ކުރިން އެޅި ބްރިޖެކެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އެ މަރާމާތުކޮށްފައިވެ އެވެ.

ބްރިޖް ވެއްޓުނު އިރު އޭގެ މތީގައި 500 އެއްހާ މީހުން ތބި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެ ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުަަސްވީ މީހުންނެވެ.