މި ޒަމާނަށް ފެތޭ ދިވެހި ބަހުގެ ގަވައިދު ފޮތެއް ނެރެން ނިންމާފައިވާތީ، އެއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިވެހި ބަހުގެ އެކަޑެމީން އާންމުކޮށް ހުޅުވާލައިފި އެވެ.
އެތަނުން ބުނީ ދިވެހި ބަހުގެ ގަވާއިދާ ބެހޭ ގޮތުން ދިވެހި ބަހުގެ ޑިގްރީ ކޯހެއްގައި ނުވަތަ މާސްޓާސް ކޯހެއްގައި ނުވަތަ އަމިއްލަ ގޮތުން ވިޔަސް އެއްވެސް ދިރާސާއެއްކޮށް، ކަންތައްތަކެއް ބަހާ ގުޅޭ ގޮތުން ހޯދިވިފައިވާ ނަމަ، ނުވަތަ ގަވާއިދަށް ނުވަތަ ދިވެހި ބަސް ބޭނުންކުރުމުގެ ހަމަތަކަށް ގެންނާން ފެންނަ އެއްވެސް އިސްލާހެއް ފާހަގަކުރެވޭ ނަމަ އެ ފުރުސަރު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހު 30ގެ ނިޔަލަށެވެ.
ދިވެހި ބަހުގެ އެކަޑެމީން ބުނީ މި ވޭތުވެދިޔަ ދުވަސްތަކުގައި އިލްމީ ގޮތުން އައި ކުރިއެރުންތާ އެކީ މީހުންގެ ވިސްނުމަށާއި ހޭލުންތެރި ކަމަށް ވެސް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި މުޖުތަމައަށް އައި ބަދަލުގެ ސަބަބުން ބަހާ މެދު މީހުން ތަފާތު ގޮތް ގޮތަށް ވަނީ ވިސްނާން ފަށާފައިވާ ކަމަށާއި އެތައް ބަޔަކު ވަނީ ބަހާ ބެހޭ ޢިލްމީ ދިރާސާތަކެއް ވެސް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ބަހުގެ ގަވާއިދުގެ ތެރެއިން ވެސް އާ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް ބުންޏެވެ.
އެހެންވެ އެ ސަބަބުތަކާ އެކީ މި ޒަމާނަށް ފެތޭ ގޮތަށް ދިވެހި ބަހުގެ ގަވާއިދު ފޮތެއް އެކުލަވައިލުމުގެ މަސައްކަތް އެކަޑެމީގެ ގަވާއިދު ކޮމެޓީ މެދުވެރިކޮށް ކުރަމުން އަންނަ ކަމަށް ބުންޏެވެ.