ޖިންސީ ގޯނާގެ މައްސަލައެއްގައި ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ބުނެފައިވަނީ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމްއާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހެޅުނު 22 މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި ކޮމިޝަންގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން 22 މައްސަލައިގެ ތެރެއިން ތެރެއިން 20 މައްސަލަ ނިންމާފައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ހިނގާފައިވާކަން ސާބިތު ނުވާ ކަމަށެވެ. އަނެއް 2 މައްސަލައިގައި ސުލޫކާ ޚިލާފުވެފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
އެގޮތުން ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
އަދި ކޯޓުގެ ރަސްމީ ގަޑީގަ އާއި އެ ނޫން ވެސް ވަގުތުތަކުގައި އިސްމެޖިސްޓްރޭޓް ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާކަމާއި، މި މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް މަސައްކަތްކުރިކަން ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
އެހެންކަމުން މިކަންކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފު އަމަލުތަކަކަށްވާތީ، އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.