ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަހުމަދު ނިޝާރު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ބުނެފައިވަނީ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދައުވާއެއްގައި ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން، އެ ޤަޟިއްޔާ ބެލުމުން އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ތަނާޒުލުވުމުން އެ ޤަޟިއްޔާ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރެވިފައިވަނިކޮށް، އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު އަމިއްލައަށް އެ ޤަޟިއްޔާ ބެލުމާ އަލުން ހަވާލުވެފައިވާ ކަމަށެވެ.
އެގޮތަށް އަލުން ޤަޟިއްޔާއާ ހަވާލުވެފައިވަނީ ކަނޑައެޅިފައިވާ އިޖުރާއަތާ ކަނޑައެޅިގެން ޚިލާފަށްކަމާއި، ފަހުން އެ ޤަޟިއްޔާ ބެލުމާ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު އަމިއްލައަށް ހަވާލުވެ ޝަރީއަތް ހިންގާފައި ވަނީ ކުރިން ތަނާޒުލުވި ސަބަބު ހަމައެގޮތުގައި ދެމިއޮއްވާކަމަށެވެ.
ޖޭއެސްސީން ބުނެފައިވަނީ މިއީވެސް ތަނާޒުލުވުމާ ގުޅޭ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށާއި، ފަހުން އެ ޤަޟިއްޔާއާ ހަވާލުވެ ޝަރީޢަތް ހިންގަމުންދިޔަ ގޮތުންނާއި މި މައްސަލާގައި ހިނގާފައި އެހެން ވެސް ކަންކަމަށް ބަލާއިރު، މަސްލަހަތު ފުށުއަރާ ސަބަބެއް އޮވެގެން އެ ޤަޟިއްޔާ ބެލުމުން ތަނާޒުލުވުމަށްފަހު އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު އަމިއްލައަށް އަލުން އެ ޤަޟިއްޔާ ބެލުމާ ހަވާލުވެ އެ ޤަޟިއްޔާ ހިންގާފައިވަނީ އިސްމެޖިސްޓްރޭޓާއި އެ ޤަޟިއްޔާގައި ދައުވާލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން، މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއީޒް މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށެވެ.
މިކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލަކަށްވާތީ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.