ރާއްޖޭގެ ނޫސްވެރިންނަށް ހާއްސަކޮށްގެން ކައުންސިލްތައް ޖަވާބުދާރީކުރުވުމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ވެބިނާއެއް ބާއްވަން ނިންމައިފި އެވެ.
ހޯމް މިނިސްޓްރީން ބުނީ މިއީ ކައުންސިލްތައް ޖަވާދާރީކުރުވުމުގައި ނޫސްވެރިން އަދާކުރަން ޖެހޭ ދައުރަށް ބިނާކޮށް ބާއްވަން ހަމަޖެހިފައިވާ ވެބިނާއެއް ކަމަށާއި ޓީމްސް މެދުވެރިކޮށް ވެބިނާ ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައި ކަމަށެވެ.
މައިގަނޑު ތިން މައުޟޫއަކަށް ކޮންމެ ސެޝަނެއްގައި 45 މިނިޓް ހިމެނޭ ގޮތަށް ތިން ސެޝަން ކުރިއަށް ގެންދާނެ އެވެ. ސުވާލުތަކަށް ޖަވާބު ވެސް ދޭ ގޮތަށް ބާއްވާ ވެބިނާގެ މައުޟޫތަކަކީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތައް ޖަވާބުދާރީ ކުރުވުމާ ބެހޭ މާއްދާ ޝަރަހަކޮށް ދިނުމާއި ލޯކަލް ގަވަނަންސާ ބެހޭ ހަބަރުތައް ކަވަރުކުރުމުގައި އެންމެ ރަނގަޅު އުސޫލުތަކުގެ އިތުރަށް ރާއްޖޭގެ ލޯކަލް ގަވަނަންސާ ބެހޭ ޚަބަރުތައް މިހާރު ކަވަރުކުރާ ގޮތް އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކެވެ.

މި ދާއިރާތަކުން ސެޝަންތައް ނަންގަވައި ދެއްވާނީ ކަމުގެ ތަޖުރިބާކާރުންނެވެ. ހޯމް މިނިސްޓްރީން ބުނީ ވެބިނާގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ނޫސްވެރިންނަކީ ގައުމެއް ހިންގުމުގެ ސިޔާސަތުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެކެވެ. އަދި އެއީ ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމުގެ އިތުރަށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި މުހިއްމު ހިދުމަތެއް އަދާކުރާ ބައެއް ކަމަށެވެ.