ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައާ މެދު ހިތްހަމަނުޖެހިގެން އެ ގައުމުގެ ނުފޫޒު ގަދަ މަހުޖަނަކު އަމިއްލަ ގައުމުގެ ރަށްވެހިކަން ދޫކޮށްލައިފި އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑުކިޔައި އަމިއްލަ ގައުމުގެ ރަށްވެހިކަން ދޫކޮށްލީ ރަޝިއާގެ މަޝްހޫރު އޮންލައިން ބޭންކް، "ޓިންކޮފް ބޭންކް" ގެ ވެެރިޔާ ބިލިއަނަރު އޮލެޖް ޓިންކޯވް އެވެ. ވިހި މިލިއަން ކަސްޓަމަރުން ތިބި ބޭންކްގެ ވެރިޔާ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ ޔުކްރޭނާ ދެކޮޅަށް ރަޝިއާ އިން ހައްގަކާ ނުލައި ކުރާ ހަނގުރާމަ އަކީ ޕުޓިންގެ އަމިއްލަ މަސްލަހަތާއި ބާރުވެރި ކަމަށްޓަކައި ހިންގާ ޖަރީމާއެއް ކަމަށެވެ.
އެހެންވެ އެފަދަ ގައުމެއްގެ ރައްޔިތެއްގެ ގޮތުގައި ދެމިހުންނަން ބޭނުން ނުވާ ކަމަށް ޓިންކޯވް ބުންޏެވެ.
⚡Олег Тиньков отказался от российского гражданства
Об этом бизнесмен сообщил у себя в инстаграме. pic.twitter.com/E7kvjIHKOx
— SOTA (@Sota_Vision) October 31, 2022
"އަހަރެމެންނަށް ނުރައްކަލެއް ވެސް ނެތް ސުލްހަވެރި ގައުމަކާ ދެކޮޅަށް ހަނގުރާމަކުރުމަކީ ރަޝިއާގެ ރައްޔިތެއްގެ ގޮތުން އަހަރެންގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން. އެހެންވެ އެފަދަ ގައުމެއްގެ ރައްޔިތެއްގެ ގޮތުގައި ހުންނާކަށް ބޭނުމެއް ނޫން،" އޭނާ ބުންޏެވެ. "ރަޝިއާގެ ޕާސްޕޯޓަކީ މިހާރު ލަދުވެތި އެއްޗެއް."
ޓިންކޯވް ބުނި ގޮތުގައި ޕުޓިންގެ މުށުތެރޭގައި ރަޝިއާ އޮތްހާ ހިނދަކު އެ ގައުމު ވާނީ އޭނާ ވަރަށް ނަފުރަތުކުރާ ތަނަކަށެވެ. އަދި ޕުޓިންގެ ޖަރީމާތަކާ ދެކޮޅު ރަޝިއާގެ ހުރިހާ ރައްޔިތުން ދެކެ ވަރަށް ލޯބިވާ ކަމަށް ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޓިންކޯވް، 54، މިހާރު ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ.