ޕާޕަލްލޭން އެޕްލިކޭޝަން ލޯންޗްކޮށްފި އެވެ.
ޕާޕަލްލޭން އަކީ ރާއްޖޭގެ ސްޓާޓަޕްއަކުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރިކޮށްގެންނާއި، ތަފާތު ހިދުމަތްތައް ހޯދައިގެން، ކަސްޓަމަރުންނަށް އިތުރު އިނާޔަތްތަކާއި ފައިދާތައް ހޯދުމަށް އާ ގޮތްތަކެއް ވަނީ ތައާރަފްކޮށްފަ އެވެ.
ޕާޕަލްލޭން އަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހި ހަތަރު ފަންނުވެރިން ތަރައްގީކޮށްފައިވާ ރިވޯޑްސް ޕްލެޓްފޯމް (ކަސްޓަމަރުންނަށް އިތުރު އިނާމާއި ފައިދާ ފޯރުކޮށްދޭ ޕްލެޓްފޯމް) އެކެވެ. މި އެޕްލިކޭޝަން ފުރަތަމަ ބޭނުން ކުރަން ފަށާފައިވަނީ 2021 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. އެއީ މި އެޕްލިކޭޝަން މެދުވެރިކޮށް ރިވޯޑްސް ޕްރޮގްރާމްތަކުގެ އަޖުމަ ބެލި ފުރަތަމަ ވިޔަފާރިތައް ކަމަށްވާ ފެމިލީ ރޫމް ކޮފީ، ސީހައުސް އަދި ކޮފީ ޝްރަބްއާ އެކުގަ އެވެ.
އެއް އަހަރު ދުވަހުގެ އަޖުމަ ބެލުމާއި ޓެސްޓުކުރުމަށް ފަހު މި އެޕްލިކޭޝަން ވަނީ މިއަދު ބޭއްވުނު ޚާއްޞަ ހަފްލާގައި ރަސްމީކޮށް އިފްތިތާޙްކޮށްފަ އެވެ. މިއަދު ލޯންޗުކުރެވުނު އެޕްލިކޭޝަނުގައި އަޖުމަ ބެލުމުގެ މަރުހަލާގައި ބޭނުންކުރެވުނު ކަންތައްތަކުގެ އިތުރުން، ކަސްޓަމަރުންނަށް އަމާޒުކޮށް ބައިވަރު އާ ކަންތައްތަކެއް ހިމަނާފައިވެ އެވެ.
ޕާޕަލްލޭން އެޕަކީ ހުރިހާ ވައްތަރެއްގެ ރިވޯޑު އަދި ކޯޕަރޭޓް ކާޑުތައް އެއް ނިޒާމަކަށް ގެންނަ މޮބައިލް ފޯނު އެޕްލިކޭޝަނެކެވެ.
ޕާޕަލްލޭން މެދުވެރިކޮށް ރިވޯޑު ޕްރޮގްރާމްތައް ތައާރަފު ކުރާ ވިޔަފާރިތަކަށް ފަސޭހަ ކަމާ އެކު އަމިއްލަ ރިވޯޑު ޕްރޮގްރާމް ތައާރަފު ކުރެވޭނެ އެވެ. އަދި ކޯޕަރޭޓް ކާޑު ގެންގުޅޭ ކުންފުނިތަކަށް އެ ކާޑު ފަސޭހަ އަދި އިތުބާރުހުރި ބީދައަކުން، ޕާޕަލްލޭން އެޕު ތެރެއިން ފެންނަ ގޮތް ވެސް ހެދޭނެ އެވެ.
ޕާޕަލްލޭން އެޕު ބޭނުންކުރާ ވިޔަފާރިތަކުން ހިދުމަތް ހޯދާ ކަސްޓަރަމުންނަށް، ކަސްޓަމަރުން ވިޔަފާރި ކުރާ ކޮންމެ ފަހަރަކު އިތުރު ފައިދާއެއްގެ ގޮތުން ރިވޯޑު ޕޮއިންޓް ދެވޭއިރު އޭގެ ފަހުން ވިޔަފާރި ކުރާ ކޮންމެ ފަހަރަކު އިތުރު އިނާމާއި ފައިދާ އެ ވިޔަފާރިތަކުން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން ހޯދޭނެ އެވެ.
މީގެއިތުރުން އާއިލާ މެމްބަރުން، ރައްޓެހިން އަދި ލޯބިވާ ފަރާތްތަކަށް ގިފްޓް ކާޑު ހަދިޔާކުރެވޭނެ އިންތިޒާމް ޕާޕަލްލޭން އެޕްލިކޭޝަންގެ ތެރެއިން ހަމަޖެހިފައިވެ އެވެ.
ޕާޕަލްލޭންގެ އެއް ފައުންޑާ ޖިނާން ފާހަގަ ކުރި ގޮތުގައި މި އެޕްލިކޭޝަނަކީ ކޮންމެ ޕޮސް ސިސްޓަމަކާ ގުޅިލާމެހޭ ގޮތަށް ތަރައްގީކުރެވިފައިވާ އެޕްލިކޭޝަނެކެވެ. ޕާޕަލްލޭންގެ ފަރާތުން ކަސްޓަމަރުންނަށް ޕޮއިންޓް އެޅުމަށާއި ލިބޭ ޕޮއިންޓްތަކާ ގުޅިގެން އިތުރު ހިދުމަތްތައް ހޯދާ ކަސްޓަމަރުންނަށް އެޕޮއިންޓްތައް ރިޑީމްކުރުމަށް ބޭނުންވާ އޭޕީއައި(API) ވަނީ ތައާރަފުކޮށްފަ އެވެ. އަދި އިތުރު ފީޗާސްތައް ކަމަށްވާ ކޫޕަން ދިނުމާއި ގިފްޓް ކާޑު ގަތުން ފަދަ ހިދުމަތްތަކަށް ބޭނުންވާ އޭޕީއައިތައް ވެސް ކައިރި މުސްތަގުބަލުގައި ލިބެން ހުންނާނެ އެވެ.
ޕާޕަލްލޭން އެޕް މިހާރު އެޕަލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭސްޓަރ އިން ޑައުންލޯޑު ކުރެވޭނެ އެވެ. އަދި އިތުރު މައުލޫމާތު www.purplelane.app އަށް ޒިޔާރަތްކޮށްލުމުން ލިބޭނެ އެވެ.