Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

އަފިރިންގެ ގޯލަށް މެދުވަލުން ލަނޑު ގޯންޏެއް

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ 4 ވަނަ މެޗުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް. އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ހަތަރު ވަނަ މެޗުގައި އެފްސީ އަފިރިން ބޮޑު ފަރަޤަކުން ބަލިކޮށް ގްރޫޕުގައި މެދުވަލު އެފްސީ ފައިހަމަ ކޮށްލައިފި އެވެ.

މެދުވަލު އެފްސީ މިމެޗު ފަސޭހަ ކަމާއި އެކު ގެންދިޔައިރު، އަފިރިން ކޮޅަށް އެޓީމުން ވަނީ 10 ލަނޑު ޖަހާފައެވެ. އެފްސީ އަފިރިން ޓީމަށް ގޯލެއް ނުޖެހި މެޗު ނިންމާލަން ޖެހުނުއިރު، މި ގްރޫޕުގެ އެއްވަނަ މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، މެދުވަލު އެފްސީ ވަނީ ކަށަވަރުކޮށްފައެވެ. އެއީ މަރަދޫ އެފްސީ އާއި މެދުވަލު އެފްސީ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ގޯލު ތަފާތުން ކުރީގައި އޮވެގެންނެވެ.

މި މެޗުގެ އެއްކޮށްހެން މެދުވަލު އެފްސީ ކޮންޓްރޯލް ކުރިއިރު، މެދުވަލު އެފްސީގެ ފުރަތަމަ ލަނޑު ޖަހައި އަފިރިން ޓީމުގެ ގޯލު ހުޅުވައި ދިނީ 11 ވަނަ މިނެޓުގައި މުހައްމަދު ސަބާޙް މަންސޫރުއެވެ. އޭގެ ދެ މިނެޓޫ ފަހުން 13 ވަނަ މިނެޓުގައި މެދުވަލު އެފްސީގެ ހަސަން ނަޒީމު ދެވަނަ ލަނޑު ކާމިޔާބުކޮށް ދިނެވެ.

މި ހާފުގައި ފެނިގެން ދިޔައީ އެފްސީ އަފިރިން ޓީމުގެ ޑިފެންސް ފަސޭހަކަމާއި އެކު ފޫއަޅުވަމުން ދިޔަ މަންޒަރެވެ. މިގޮތުން މެޗުގެ 3 ވަނަ ލަނޑު 23 ވަނަ މިނެޓުގައި އެޓީމުގެ މުހައްމަދު ހާޒިމް ރިއްފަތުއެވެ. މިހާފު ނިންމާލުމުގެ ކުރިން މެދުވަލު އެފްސީގެ ހަސަން ނަޒީމު ވަނީ 40 ވަނަ މިނެޓުގައި އަދި 42 ވަނަ މިނެޓުގައި އިތުރު ދެ ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް، މެދުވަލު އެފްސީ ވަނީ 5 ލަނޑު ޖަހާފަ އެވެ. މި ހާފުގައި ވެސް މޭން އޮފް ދަ މެޗު ހޯދި ހަސަން ނަޒީމުގެ އިތުރު ތިން ގޯލު ފެނިގެން ދިޔައެވެ. އެގޮތުން ހާފު ފަށައި 51 ވަނަ މިނެޓުގައި އޭނާގެ 4 ވަނަ ލަނޑު އެޓީމަށް އޭނާ ކާމިޔާބުކޮށް ދިނެވެ.

މެޗުގެ 67 ވަނަ މިނެޓުގައި އޭނާގެ އިތުރު ލަނޑެއް ފެނިގެން ދިޔައިރު، މެޗުގެ 8 ވަނަ ލަނޑު ޖެހީ މެދުވަލު އެފްސީގެ އިބްރާހިމް ސިރާޖުއެވެ. މެޗުގެ 9 ވަނަ ލަނޑު މެދުވަލުގެ އެފްސީގެ އަބްދުﷲ އައްމާރު އަލީ 76 ވަނަ މިނެޓުގައި ޖެހި އިރު، 80 ވަނަ މިނެޓުގައި ހަސަން ނަޒީމް ވަނީ އޭނާގެ ދެވަނަ ހެޓްރިކް މި މެޗުގައި ހަދާ 10 ލަނޑުގެ ނަތީޖާއަކުން އެ ޓީމަށް ކުރި ހޯދައި ދީފަ އެވެ. މެޗު ނިންމާލާފައި ވަނީ މި ނަތީޖާއާ އެކީގައެ ވެ.

މި މުބާރާތުގައި މާދަމާ ނުކުޅޭނެއެވެ. ދެން މެޗެއް އޮންނާނީ މި މަހުގެ 3 ގަ އެވެ. އެ ދުވަހު ހަވީރު 4:00 މިނެޓުގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ، ގްރޫޕް އޭ ގެ ކްލަބް ލޮތާރި އަދި ބޭރުމަތި އެފްސީ އެވެ. މި ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ.