Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ފަހު ވަގުތު މޮޅުވެ، ޓޮޓެންހަމް ދެވަނަ ބުރަށް

ފަހު ވަގުތު ފްރާންސްގެ މާސޭ 2-1 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ޓޮޓެންހަމް ދަތުރުކޮށްފި އެވެ.

މި މޮޅާއެކު ޓޮޓެންހަމުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ޓޮޓެންހަމަށް ވަނީ ކުޅުނު ހަ މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ އައިންޓްރަކްޓް ފްރޭންކްފާޓް އެވެ. ފްރޭންކްފާޓަށް ވަނީ ކުޅުނު ހަ މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ހަތް ޕޮއިންޓް ލިބުނު ސްޕޯޓިން ތިން ވަނަ އަށް ދިޔައިރު، މާސޭ ފުލަށް ދިޔައީ ހަ ޕޮއިންޓާ އެކު އެވެ.

މާސޭގެ ދަނޑުގައި ކުޅުނު މި މެޗާއި ޓޮޓެންހަމުން ކުރިމަތިލިއިރު އެންޓޯނިއޯ ކޮންޓޭ އަށް ސަސްޕެންޝަނުގެ ސަބަބުން ބެންޗުގައި ހުރުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ. އެގޮތުން މި މެޗުގައި ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ މާސޭ އިން ކަމަށްވާއިރު މި ގޯލް ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޗަންސެލް އެމްބެމްބާ އެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ޓޮޓެންހަމުން ކުޅުން ރަނގަޅު ކުރިއިރު އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ކްލެމެންޓް ލެންގްލޭ ބޮލުން ޖެހި ގޯލަކުންނެވެ. މާސޭ އަށް އަލުން ލީޑު ނަގައިދޭން އެޓީމުގެ ޑިފެންޑަރު ކޮލަސިނަޗަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއިރު ޓޮޓެންހަމް މި މެޗުން މޮޅުވި ގޯލް ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޕިއޭ އެމީލް ހޮއިބިއޭ އެވެ. ހޮއިބިއޭ ގޯލު ޖެހީ ކައުންޓަ އެޓޭކެއްގައި ކޭން ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ފްރެންކްފާޓުން ވަނީ 2-1 އިން ސްޕޯޓިން ލިސްބަން ބަލިކޮށްފަ އެވެ.