ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި އެވެ.
އެ އެއާލައިންގެ ދަތުރުތައް ކުރަނީ ފްރާންސްގެ ވެރިރަށް ޕެރިހުގެ ޗާލްސް ދުގުލް އެއާޕޯޓުން ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޓަށެވެ. އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ފިނި މޫސުމާ ދިމާކޮށް ފެށި އެއާ ފްރާންސުން ހަފުތާ އަކު ތިން ދަތުރު ރާއްޖެ އަށް ބާއްވާނެ ކަމަށެވެ.
މި ދަތުރުތަކުގައި ބޭނުން ކުރާނީ 276 ފަސިންޖަރުންގެ ޖާގައިގެ ބޮއިން މަރުކާގެ 787 ޑްރީމްލައިނާއެކެވެ.
އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފުރަތަމަ ފެށީ 2017 ގަ އެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެ އަށް އެ އެއާލައިނުން ދަތުރުތައް ބާއްވަ އެވެ.
ފްރާންސަކީ ރާއްޖެ އަށް ހަތް ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.