ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހަދާ ފްލެޓްތަކެއް އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ހަވާލުކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ގެންދާ "ގެދޮރުވެރިޔާ" ގެ ދަށުން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލައި ހައުސިން މިނިސްޓްރީން އިއްޔެ ބުނީ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި އަމިއްލަ ބައެއް ކުންފުނިތަކާއި ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަޝްރޫޢުތައް ހިމެނެ އެވެ. މީގެ ތެރެއިން އެންމެ ބޮޑު މަޝްރޫއަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީން ކުރިއަށް ގެންދާ 4000 ހައުސިން ޔުނިޓްގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ދެ ކުންފުންޏަކާ ހަވާލުކޮށްގެނެވެ. އެއީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އިން ތަރައްޤީކުރާ 2،000 ޔުނިޓް އަދި އެންބީސީސީއާ ހަވާލުކޮށްފައިވާ 2،000 ޔުނިޓެވެ.
މިއަދު ކުރިއަށްގެންދިޔަ މީޑިއާ ޓުއާގައި މި މަޝްރޫޢުތަކުގެ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ވަނީ މީޑިއާތަކާ ހިއްސާކޮށްފައި. pic.twitter.com/ye0SUnJGh9
— Min.of National Planning Housing & Infrastructure (@MoNPHImv) November 1 2022
މި ޕްރޮޖެކްޓްގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ހައުސިން ޔުނިޓް، ތިން ކޮޓަރީގެ 2،800 ހައުސިން ޔުނިޓެވެ.
ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކާލުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ޓުއާގައި ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް އަހުމަދު ޝަމޫލް އަބްދުﷲ ވިދާޅުވީ، ގިނަ ޓަވަރުތަކުގެ ފައުންޑޭޝަނާއި ތަނބުތަކުގެ މަސައްކަތްތައް ނިމެމުން އަންނަ ކަމަށެވެ.
"ޖޭއެމްސީ ޕްރޮޖެކްޓްގެ ސޯޅަ ނިމިއްޖެ. އެންބީސީސީގެ މަސައްކަތް ތޭރަ ޕަސަންޓް ނިމިއްޖެ. އަންނަ އަހަރަށް ބައެއް ޓަވަރުތައް ނިމޭނެ، މުޅި ޕްރޮޖެކްޓް ދެހާސް ސައުވީހަށް ނިމޭނެ." އޭނާ ވިދާޅުވި އެވެ.
މި މިނިސްޓްރީ އާއި @hdcmaldives އަދި @Fdc_mv ގުޅިގެން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި ފަށައިގެން ކުރިއަށްގެންދާ މަޝްރޫޢުތައް މީޑިއާތަކަށް ދައްކާލައިފި. pic.twitter.com/nratSJEycL
— Min.of National Planning Housing & Infrastructure (@MoNPHImv) November 1 2022
ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް ވިދާޅުވީ ބައެއް ހައުސިން ޔުނިޓްތައް ނިންމައި އަންނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެ ކަމަށެވެ.
"ދައުރު ނިމުމުގެ ކުރިން ހައުސިން ޔުނިޓްތައް ހަވާލުކުރަން ފެށޭނެކަން ޔަގީން. އަންނަ އަހަރު މޭ މަހުގެ ތެރޭގައި ބައެއް ޓަވަރުތައް ނިންމާ މީހުން ވެއްދޭނެ. ކޮންޓްރެކްޓަރު އެ ޔަގީންކަން ދޭ." އާރިފް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ޕްރޮޖެކްޓްގައި ތަރައްގީކުރަނީ 17 އާއި 18 ބުރީގެ ޓަވަރުތަކެވެ.
"ގެދޮރުވެރިޔާ" ގެ 4،000 ޔުނިޓަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވެ އެވެ.