ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ކަނޑައެޅުމުގައި ސިޔާސީ ޕާޓީތައް ބައިވެރިކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީން ގޮވާލައިފިއެވެ.
އެމްއެންޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޗާގޯސްގެ މައްސަލާގައި ދިވެހި ދައުލަތުގެ ނިންމެވުންތަކާއި ސިޔާސަތު ކަނޑައެޅުމުގައި، ދިވެހިރާއްޖެއާއި ދިވެހިންގެ ޤައުމީ މަސްލަޙަތަށް އެންމެ ހެޔޮ ގޮތް އިޚްތިޔާރު ކުރެވޭނީ، ސިޔާސީ ވާދަވެރިކަން ދުރަށް ޖައްސައި، ސިޔާސީ ޕާޓީތައް ޝާމިލްކޮށްގެން ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ކަމަށް އެމްއެންޕީއަށް ޤަބޫލު ކުރެވޭތީ، އެގޮތް ޚިޔާރުކުރެއްވުމަށް ސަރުކާރަށް ގޮވާލާ، މިއަދު ސިޓީއަކުން އޭގެ ތަފްސީލީ ސަބަބުތައް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމްއެންޕީން ބުނެފައިވަނީ މިފަދަ ހުށަހެޅުމެއް އެ ޕާޓީއިން ސަރުކާރަށް ހުށަހެޅީ، މިމައްސަލައާ ގުޅޭ ގޮތުން އެޕާޓީއިން މިހާތަނަށް އެއްކުރި މަޢުލޫމާތުން، އެއްވެސް ސަރުކާރަކުންވެސް ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިންގުމަށް، ބައިނަލްއަޤުވާމީ އެއްވެސް ފޯރަމެއްގައި ވަކާލާތު ކުރައްވާފައިވާކަން އެނގެން ނެތުމުން ކަމަށެވެ.
އެމްއެންޕީން ބުނެފައިވަނީ މި މައްސަލައިގައި ބަންޑަރަނައިބުގެ އޮފީހުން ތަކުރާރުކޯށް ދެއްވާ ރައްދުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.
ޗާގޯސްގެ މިނިވަންކަމާ ގުޅޭ ގޮތުން ރާއްޖޭގެ ސްޓޭންޑު ބަދަލުވުމަކީ ދިވެހިރާއްޖެއާއި މޮރިޝަސް އާ ދެމެދު ޚިލާފު އުފެދިފައިވާ ކަނޑުގެ ސަރަޙައްދަށް އަސަރުކުރާނެ ނިންމުމެއް ނޫން ކަމަށް ބަންޑާރަނައިބުގެ އޮފީހުްނ ބުނާ ވާހަކައަށް އެމްއެންޕީން ރައްދު ދީފައިވެއެވެ.
"މިވާހަކަ ޤަބޫލު ކުރުމަށް ހުރަހަކަށް ވަނީ، ޗާގޯސްގެ މައްސަލާގައި ދިވެހިރާއްޖޭގެ "ސްޓޭންޑް" ބަދަލުވިކަން ސަރުކާރުން ހާމަކުރެއްވީ ބައިނަލްއަޤުވާމީ ކަނޑުގެ ޚާއްޞަ ޓްރައިބިއުނަލްގައި ކަމަށްވެފައި، އެ އަޑުއެހުމުގެ ޖަލްސާއަކީ ޗާގޯސްގެ މިނިވަންކަމާ ގުޅޭ އަޑުއެހުމަކަށް ނުވާއިރު، އެ ޓްރައިބިއުނަލަށް މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައަކީ ޗާގޯސްގެ ވަށައިގެން އިނގިރޭސި ދައުލަތުން ހިންގާ އިން ވަކިކުރުމާއި އެ ސަރަޙައްދުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިންގުމަށް ކުރާ ދަޢުވާގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައި ވީތީއެވެ." އެމްއެންޕީގެ ނޫސްބަޔާނުގައި ވެއެވެ.
އެމްއެންޕީން ބުނެފައިވަނީ ޗާގޯސްގެ މައްސަލާގައި، ދިވެހިން އެދޭގޮތް ހާސިލްކުރުމުގެ ޒިންމާއަކީ ކޮންމެ ސިޔާސީ ޕާޓީއަކުން ވެރިކަންކުރުމާ ހަވާލުވެގެން ތިބިކަމުގައި ވީނަމަވެސް، ހާމަކަމާއެކު ކުރަން ޖެހޭ ކަމަށެވެ. އަދި، ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް 22 އޯގަސްޓް 2022 ގައި ފޮނުއްވި ސިޓީ ހާމަކުރުމަށްވެސް އެމްއެންޕީން ގޮވާލާފައިވެއެވެ.