Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ޗާގޯސް މައްސަލާގައި މަޖިލީހަށް އަލުން ގަރާރެއް

މުހައްމަދު ނާޒިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޗާގޯސް މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް އަނެއްކާވެސް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

ނާޒިމް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ޗާގޯސް ރަށްތަކުގެ ކަނޑުގެ ސަރަހައްދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯރ ލޯ އެފް ދަ ސީސް އަށް ހުށަހަޅާފައިވާ މައްސަލާގައި 2010 އިން ފެށިގެން ރާއްޖެއިން ބޭނުންކުރަމުން އައި ވިސްނުމާއި ސިޔާސަތު ބަދަލުކޮށްފައިވާކަމަށް ބެލެވޭނެ ކަމެއް ހިންގާފައިވާ ކަމަށެވެ.

ނާޒިމް ހުށަހެޅި ޤަރާރުގައި އެދިފައިވަނީ އެ ސިޔާސަތު ބަދަލުކުރިނަމަ އޭގެ ވަށައިގެންވާ ސަބަބުތަކާއި، އެކަން ކޮށްފައިވަނީ ޤާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމަށާއި، އޭގެ ސަބަބުން ރާއްޖެއަށް ވާނެ ގެއްލުމާއި ފައިދާ ވަޒަންކޮށްދިނުމަށެވެ.

މި ޤަރާރުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރަމުން އަންނައިރު، ސަރުކާރަށް ތާއީދުކުރާ މެމްބަރުން އަންނަނީ މިކަމުގައި ސަރުކާރު ދިފާއުކޮށް ވާހަކަދައްކަމުންނެވެ.

މިމައްސަލައިގައި އެމްއެންޕީން މިއަދު ބަޔާނެއްވެސް ނެރެފައިވެއެވެ. އެމްއެންޕީން މިއަދު ނެރެފައިވާ ބަޔާނުގައި ގޮވާލާފައިވަނީ ޗާގޯސް މައްސަލައިގައި ސިޔާސަތު ކަނޑައެޅުމުގައި ސިޔާސީ ޕާޓީތައް ހިމެނޭހެން މަޝްވަރާކުރުމަށެވެ.

ޗާގޯސް މައްސަލައިގައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ރައްޔިތުންގެ މަޖިލީހަށް ހޯދުމަށްއެދި މައްސަލައެއްވެސް މަޖިލީހަށް ހުށަހަޅާފައިވެއެވެ.