Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

މުޒާހަރާކުރި 1،000 މީހަކަށް ދައުވާކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިރާންގައި ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން މިހާތަނަށް އިރާނުން 1،000 މީހަކަށް ދައުވާކޮށްފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުރާ ޝަރީއަތްތައް މިދިޔަ ހޮނިހިރު ފަށާފައިވާ އިރު، މީގެ ތެރެއިން ޝަރީއަތްތަކުގެ އަޑުއެހުންތަކެއް އާންމުކޮށް ހުޅުވާލައިގެން ވަރަށް އަވަހަށް ބާއްވާނެ އެވެ.

ތެރެހާން ޕްރޮވިންސްގެ އުއްތަމަފަނޑިޔާރާ ހަވާލާ ދެއްވައި އިރްނާ އިން ބުނީ ދައުވާ އުފުލާފައިވާ ގިނަ މީހުންނަކީ ސީރިއަސް ގިނަ ތުހުމަތުތަކެއް ކުރެވޭ ބައެއް ކަމަށެވެ. އެގޮތުން ދައުލަތުގެ ތަންތަނަށް ގެއްލުން ދިނުމާއި ސަލާމަތީ ބާރުތަކުގެ މީހުންނަށް ހަމަލާ ދިނުމާއި އާންމު ތަންތަނުގައި އަލިފާން ރޯކޮށް ހުޅުޖެހުން ފަދަ ދައުވާތައް ހިމެނެ އެވެ.

ސެޕްޓެމްބަރު މަހުގެ 16 އިން ފެށިގެން އެތައް ބަޔަކު މަގުތަކަށް ނުކުމެ، މުޅި އިރާންގައި މުޒާހަރާކުރަން ފެށީ މަހްސާ އަމީނީ ކިޔާ 22 އަހަރުގެ އަންހެނަކު ބުރުގާ ނާޅައި އުޅުމުން ފުލުހުން އޭނާ އެ މަހުގެ 13 ގައި ހައްޔަރުކޮށް ދިން އަނިޔާތަކާ ގުޅިގެން، ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ސެޕްޓެމް 16 ގައި މަރުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ބައިނަލްއަގްވާނީ ދުނިޔޭގެ ފިއްތުންތައް ވެސް އިރާނަށް ކުރިމަތިވެ، އެ ގައުމުގައި ކުރަމުން އަންނަ މުޒާހަރާތަކަށް ތާއީދުކޮށް ހުޅަނގުގެ ބައެއް ގައުމުތަކުގައި އަޑު އުފުލާފައިވެ އެވެ.

އިރާނުން ތުހުމަތުކޮށްފައިވާ ގޮތުގައި ދިގުދެމިގެން ގޮސްފައިވާ މުޒާހަރާތަކަކީ އެމެރިކާ އާއި ހުޅަނގު އަޑީގައި ތިބެގެން ކުރުވާ ކަމެކެވެ. އަދި އެ ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނާތީ އެމެރިކާ އަށް ދައުވާކުރަން ވެސް ނިންމާފައިވެ އެވެ. އަދި އިނގިރޭސިވިލާތާއި ސައުދީ އަރަބިއްޔާ އަށް ވެސް އިރާނުން އިންޒާރު ދީފައިވެ އެވެ.