Last Updated: June 10, 17:01
Wednesday, June 10, 2026
ޚަބަރު

ބޮޑެތި ބަލިތައް ގިނަވާ މައްސަލައިގެ ދިރާސާ ކުރިއަށް

މިނިސްޓަރު އަހުމަދު ނަސީމު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ކެންސަރާއި ހާޓްއެޓޭކް އަދި ސްޓްރޯކްފަދަ ބަލިތައް ގިނަވާތީ އެކަމުގެ ސަބަބު ދެނެގަތުމަށް ކުރާ ދިރާސާ ބާރަށް ކުރިއަށްދާކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ސުވާލުކުރުމަށް ލިބުނު ފުުރުސަތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފު ވަނީ ބޮޑެތި ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ކުރިއަށްގެންދާ ދިރާސާއާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ އެ ދިރާސާތައް ބާރަށް ކުރިއަށްދާކަމަށެވެ. އެ ދިރާސާ ކުރިއަށްގެންދަނީ ޑަބްލިއުއެޗްއޯގެ އެހީގައިކަން ފާހަގަކޮށް މިނިސްޓަރު ނަސީމު ވިދާޅުވީ ޑަބްލިއުއެޗްއޯ ޓީމެއް އައިސް ބޭނުންވަ މައުލޫމާތުތައް އެއްކޮށްގެން ގޮސްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާވަނަ އެބޭފުޅުން އަނެއްކާވެސް ރާއްޖެ އަންނާނެކަމަށެވެ.

"މިއީހަމަ ބޮޑު ސީރިއަސް އިޝޫއެއް، ކީއްވެގެންތޯ މިކަންތައްތައް މިވަނީ." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖޭގައި ބޮޑެތި ބަލިތައް މާބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކަކުން އެކަމަކު ނުދައްކާ ކަމަށާއި، އެހެންނަމަވެސް އެ މައްސަލައާމެދު ކޮންސާންވާންޖެހޭ ކަމަށެވެ.

"ސްޓެޓިސްޓިކްސްއަށް ބަލާއިރު މާބޮޑު ތަފާތުތަކެއް ނައިކަމުގައި ވީނަމަވެސް، އަޅުގަނޑުމެން ކޮންސާން ވާން ޖެހޭ ކަމެެއް ކަމަށް އަޅުގަނޑު ދެކެން." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.