Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

ހުޅުމީދޫގެ 10 ފްލެޓަކަށް ޝަކުވާގެ ފުރުސަތު

އައްޑޫ ހުޅުމީދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ބީ ކެޓަގަރީން ދޫކުރަން ނިންމި 10 ފްލެޓަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ދިން ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ބީ ކެޓަރީގެ 10 ފްލެޓަކަށް ކުރިމަތިލާން ހުޅުވައިލުމުން މުއްދަތު ހަމަވި އިރު، 13 ފަރާތަކުން ކުރިމަތިލި އެވެ. އަދި އެ މީހުންނަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް، އެއަށް ޝަކުވާ ހުށަަހެޅުމުގެ ފުރުސަތު ދީފައި ވަނީ މި މަހުގެ 15 އާ ހަމައަށެވެ. އެ ލިސްޓް ކައުންސިލްގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވެ އެވެ.

ޝަކުވާ ހުށަހަޅާ ފޯމް މިހާރު ކައުންސިލް އިދާރާ އާއި އަވަށު އޮފީސްތަކުން ދޫކުރަމުން އަންނަ ކަމަށާއި ޝަކުވާ ފޯމް ހުޅުދޫ އަވަށު އޮފީހުން ބަލައިގަންނާނީ މި މަހުގެ 15 އާ ހަމައަށް ކަމަށެވެ. ކައުންސިލުން ބުނީ ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިއުލާންކުރާނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން މި ލިސްޓަށް ގެންނަން ޖެހޭ އުނި އިތުރެއްވާ ނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހު ކަމަށެވެ.

ބީ ކެޓަގަރީގެ 10 ފްލެޓަކީ ހުޅުމީދޫ ނޫން ރައްޔިތުންނަށް ހާއްސަކުރި ފްލެޓްތަކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމީދޫގައި 48 ފްލެޓް ހެދި އެވެ. އެކަމަކު އެ ފްލެޓްތައް ނިމިފައި ހުންނަތާ ހައެއްކަ އަހަރުވީ ނަމަވެސް އެއްވެސް ފްލެޓެއްގައި އަދި ބަޔަކު ދިރިއުޅޭކަށް ނުފަށަ އެވެ.

މި ހަފުތާގައި ކައުންސިލުން ވަނީ ފްލެޓްތަކުގެ ތެރެއިން ހުޅުދު އާއި މީދޫ ރައްޔިތުންނަށް ހާއްސަކޮށް 27 ފްލެޓަކަށް ކުރިމަރިތިލާން ހުޅުވާލައިފަ އެވެ. އެއީ ޖެނުއަރީގައި ހުޅުވާލުމުން ކުރިމަތިލި މީހުންގެ ފޯމްތައް ބާތިލުކުރުމަށް ފަހު އެވެ. ކައުންސިލުން ބުނީ އެ ފޯމްތައް ބާތިލުކުރީ ފްލެޓް ދޫކުރުމާ ގުޅޭ ގޮތުން ކުރިން އަމަލުކުރަމުން އައި އުސޫލަށް ހައުސިން މިނިސްޓްރީގެ ލަފާގެ މަތިން ބަދަލު ގެނެސްފައިވާތީ ކަމަށެވެ.

އެހެންވެ އަލުން 27 ފްލެޓަކަށް ހުޅުވާލައި ކުރިމަތިލާން ދިން ސުންގަޑި އަކީ އަންނަ މަހުގެ 30 އެވެ.

ޔާމީންގެ ވެރިކަމުގައި ހިތަދޫގައި ހެދި 264 ފްލެޓް ދޫކޮށް ނިންމައި، އެ ތަންތަނުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.