Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ދައުވާ ނުކޮށް ތިން މަހަށް ބަންދުގައި ބެހެއްޓިދާނެ!

ފުލުހުން ތަހުގީގުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ ދައުވާއެއް ނެތި މީހުން ތިން މަސް ދުވަހު ބަންދުގައި ބޭތިއްބޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފި އެވެ.

ޖިނާއީ އިޖުރާތު ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ދިރާސާކުރެއްވި ޖުޑީޝަރީ ކޮމެޓީން ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފަ އެވެ. އެގޮތުން ބިލު ދިސާރާ ކުރި އިރު، ފުުލުހުންނާއި، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އިތުރުން ހިއުމަންޓް ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ މަޝްވަރާ ވެސް ހޯދި އެވެ.

އެގޮތުން ބިލަށް ގެނައި އެންމެ ބޮޑު، މުހިއްމު އިސްލާހަކީ ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ ބަންދުގެ މުއްދަތަށް ބަދަލު ގެނައުމެވެ. މިހާރު ގާނޫނުގައި ބުނާ ގޮތުން ޖިނާއި ބޮޑެތި މައްސަލަތަކުގައި މީހަކު ބަންދުގައި ބެހެއްޓޭނީ 75 ދުވަހަށެވެ. ނަމަވެސް ގާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާ އެކީ އެކު 90 ދުވަސް ތިން މަހަށް ބަންދުގައި ބެހެއްޓުމުގެ ފުރުސަތު ފުލުހުންނަށް ލިބި ދީފައިވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުންގެ ތަހުގީގު ދިގު ދަންމަން ފުލުހުން ބޭނުންވާ ނަމަ ތަގުގީގުގެ މުއްދަތު 60 ދުވަހަށް އިތުރު ކުރަން ވެސް ކޮމެޓީން ފާސްކޮށްފައިވެ އެވެ. މިހާރު ގާނޫނުގައި އޮންނަނީ 45 ދުވަހުގެ މުއްދަތެކެވެ.

މީގެ އިތުރުން ޤާނުނަށް ގެންނަން ކޮމެޓީން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅޭ ބައެއް މައްސަލަތައް އެންމެ ފަނޑިޔާރަކަށް ވެސް ބެލޭނެ ގޮތަށް ބަދަލު ގެނައުން ހިމެނެ އެވެ.

ޖިނާއީ އިޖުރާތު ޤާނޫނުގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި 11 ކުށެއް ކަނޑައަޅާފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ މީހަކު މެރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށާއު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ޓެރަރިޒަމްގެ ކުށްތަކާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށާއި ޓްރެފިކްކުރުމުގެ ކުށާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށާއި ލައްކައަކަށް ވުރެ މަތީގެ ފައިސާ ހިމެނޭ ކުށްތަކާއި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށާއި ރިޝްވަތުގެ ކުށުގެ އިތުރުން ކޮރަޕްޝަންގެ ކުށެވެ.