Last Updated: July 22, 18:06
Thursday, July 23, 2026
ދުނިޔެ

ޖަނަވާރުންގެ އެންމެ ބޮޑު ހޮސްޕިޓަލް ސައުދީގައި

މި ވަގުތު ދުނިޔޭގައި ހިންގަމުން އަންނަ ޖަނަވާރުންނަށް ހާއްސަ އެންމެ ބޮޑު ހޮސްޕިޓަލްގެ ހިންގާ ގައުމުގެ ރެކޯޑް ސައޫދީ އަރަބިއްޔާ އަށް ލިބިއްޖެ އެވެ.

އެ ގައުމުގެ ބުރަޔާދާގައި ގާއިމުކޮށްފައިވާ ސަލާމް ވެޓެރިނަރީ ހޮސްޕިޓަލަކީ އެއްފަހަރާ 4،000 ޖަނަވާރުން ބައިތިއްބައިގެން ފަރުވާ ދެވޭނެ ވަސީލަތްތަކާ އެކީ ތަރައްގީކޮށްފައިވާ ޒަމާނީ ހޮސްޕިޓަލެކެވެ. މި ތަނުގެ މަސައްކަތް ސައުދީން ފެށީ 2020 ގަ އެވެ. އޭރު ވެސް އަމާޒަކަށްވެފައި އޮތީ ޖަނަވާރުންނަށް ފަރުވާދޭ އެންމެ ބޮޑު ހޮސްޕިޓަލަށް އެތަން ހެދުމެވެ.

އެ ރެކޯޑް ސައުދީ އަށް ލިބުނުކަން ގިނިސް ވޯލްޑް ރެކޯޑުން މިހާރު ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

ސަލާމް ވެޓެރިނަރީ ހޮސްޕިޓަލް ހާއްސައީ ޖަމަލުތަކަށެވެ. މިތަން ހަދަން ސައުދީ ސަރުކާރުން 100 މިލިއަން ރިޔާލަށް ވުރެ ބޮޑު ހޭދައެއްކޮށްފައިވެ އެވެ.

ސައުދީގެ އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮޖެކްޓްގެ ސަބަބުން ޖަނަވާރުންނަށް ފަރުވާ ދިނުމުގެ ހިދުމަތްދޭ ޕްރައިވެޓް ސެކްޓަރަށް ވެސް ބޮޑު ކުރިއެރުމެއް އަންނާނެކަމުގެ އުންމީދު ބޮޑެވެ. އަދި މިފަދަ ފެސިލިޓީތަކާ އެކީ ޖަނަވާރުންނަށް ދެވޭ ފަރުވާ އިތުރުވެ، އެ ދާއިރާ ފުޅާވެގެން ދާނެ އެވެ.