ފުވައްމުލަކު ހާފިޒު އަހުމަދު ސްލޫލްގެ ދެ ދަރިވަރެއްގެ މެދުގައި މިއަދު ހިންގި މާރާމާރީއެއް ހުއްޓުވަން އުޅުނު ޓީޗަރަކަށް އަނިޔާވެއްޖެ އެވެ.
އެ ސްކޫލްގެ ގްރޭޑް 8 އާއި 9 ގެ ދެ ފިރިހެން ދަރިވަރެއްގެ މެދުގައި މިއަދު މެންދުރު ފަހު ހިންގި މާރާމާރީ ހުއްޓުވަން އުޅުނު ޓީޗަރުގެ ބޯ ފަޅައިގެން ދިއުމުން ހޮސްޕިޓަލުން ފަރުވާ ވެސް ދޭން ޖެހުނެވެ. މި ހާދިސާ ފުލުހުންނަށް ވެސް ރިޕޯޓްކުރި އެވެ. ފުލުހުން ބުނީ އެ މާރާމާރާ އަކ ކުޑަކުދިން ހިމެނޭ މައްސަލައަކަށްވުމުން، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ އިތުރު ތަފުސީލެއް ވެސް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިނގަން މެދުވެރިވީ ދެ ދަރިވަރުންގެ މެދުގައި އޮތް މައްސަލައަކާ ހެދި ގްރޭޑް 9 ގައި ކިޔަވާ ދަރިވަރު 8 ގެ ކުއްޖާގެ ކްލާހަށް ގޮސް ހަމަލާ ދިނުމުންނެވެ. އަދި އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި ޓީޗަރުގެ ބޯ ފަޅައިގެން ދިޔައީ އެވެ.